އަދާލަތު ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ 4 ދާއިރާއެއްގެ ގޮނޑިއަށް ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެ ޕާޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ޓިކެޓަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް، އެ ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 39 ވަނަ ބައްދަލުވުމުން ނިންމައިފައިވާ ނިންމުމާ އެއްގޮތަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ހަތަރު ދާއިރާއަކަށް ކަމަށާއި އެއީ، ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ އަދި ފެލިދޫ ދާއިރާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ދާއިރާތަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 23 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން, އެ ޕާޓީގެ ނަމުގައި އެ ނޫން ދާއިރާއަކަށް ކުރިމަތިލާން ބޭނުންވެފައި ތިބި ފަރާތްތައް ތިބިތޯ ބެލުމަށް އެފަދަ ފަރާތްތަކުން, ޕާޓީގެ އިންތިހާބީ ކޮމިޓީއަށް އެޑްރެސްކޮށް 23 ޖަނަވަރީ 2024 ގެ ކުރިން ސިޓީ ފޮނުވުމަށް ވެސް ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން