ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ޗާޓަރު ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގްލީ ޒިންގް ރާއްޖޭގެ ބައެއް މީޑިއާތަކުގެ ނޫސްވެރިންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ، ފުރަތަމަ ޗާޓަރ ފްލައިޓްގެ ދަތުރުތައް ޗައިނާ ފޫޖީ ސިޓީން، ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށާއި ފުރަތަމަ ފަށާއިރު ޗާޓަރ ދަތުރުތައް ބޭއްވި ނަމަވެސް، ޑިމާންޑަށް ބަލާ ކޮމަރޝަލް ދަތުރުތައް ވެސް ފަށާނެކަމަށެވެ.

އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓްގެ ގޮތުގައި ޗައިނާގެ މާކެޓް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެ ގައުމުން ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިމަހު ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެވުމަށްފަހު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަމަށާއި އަދި ޗައިނާއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ގެނައުމަށްވެސް މަޝްވަރާ ކުރެވުނުކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް ޗައިނާއިން ފަތުރުވެރިން އައި އަދަދު ދެގުނައަށް އިތުރު ކުރުން ކަމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން