އިންޑިއާގެ މީޑިއާއިން މެދުކެނޑުމެއްނެތި ރާއްޖެއަށް ގަނާ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އަައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ދެކުނު އޭޝިއާގައި ޚާރިޖީ ހަމަނުޖެހުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ފުޅާ އިގްތިސާދީ އަދި ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުމަށް އިންޑިއާއާއި ރާއްޖޭގެވެސް ދައުރު މުހިންމު ކަމަށެވެ.

"އިންޑިއާގެ މީޑިއާތަކުން މެދުކެނޑުމެއްނެތި ރާއްޖެއަށް ބަދުބަސް ރައްދުކުރުން ހުއްޓުވަން އެބަޖެހޭ. އިންޑިއާގެ މީސް މީޑިއާގައި ރާއްޖެއާ ދެކޮޅަށް ކުރިއަށްދާ ކެމްޕޭން އަދި އެންޓި މޯލްޑިވްސް ޓީވީ-ޓޯކް ޝޯތަކާއި އިންޑިއާގެ މެއިން ސްޓްރީމް މީޑިއާގައި ދައްކަމުންދާ ވާހަކަތަކުން (ރާއްޖެއާއި ދެކޮޅު ވާހަކަތައް) އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ތާރީޚީ ގާތް ގުޅުމަށް ވަރަށް ބޮޑަށް ގެއްލުން ވަމުންދޭ. ދެގައުމުގެ މަސްލަހަތަށްޓަކައި ބޭނުމެއްނެތް ގަނާކުރުން ހުއްޓާލަން ޖެހޭ." އައްޑޫ ޝަރީފް ވިދާޅުވިއެވެ.



ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ މީޑިއާތަކުން ރާއްޖެއާއި ދެކޮޅު ވާހަކަތައް ފަތުރަމުން ދިއުމާއި ގުޅިގެންނެވެ. ދާދި ފަހުން ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއާއި އެޤައުމުގެ ބޮޑުވަޒީރަށް ރައްދުކުރި ބަދުބަސްތަކަށްފަހު އިންޑިއާގެ ރައްޔިތުން ވަނީ މީސް މީޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕެއިނެއް ފަށާފައެވެ.

އޭގެ އިތުރަށްވެސް އެގައުމުގެ ސިޔާސީ ބޭފުޅަކު ވަނީ ރާއްޖެ އިސްތިއުމާރުކުރަން ހިތްވަރުދޭފަދަ ވާހަކަތަކެއް މީސް މީޑިއާގައި ދައްކާފައެވެ. އޭނާ އެފަދަ ވާހަކައެއް ދެއްކީ އިންޑިއާގައި ތިބި ސިފައިން ރާއްޖެއިން ބޭލުމުގެ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަ ދެއްކެވިފަހުންނެވެ.

މިހާރު ކޮންމެ ރެއަކުހެން އިންޑިއާގެ ބޮޑެތި މީޑިއާތަކުގައި ރާއްޖެއާއި ދެކޮޅު ބަހުސްތަކާއި ޓޯކް ޝޯތައް ކުރިއަށް ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން