މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން އެ ކައުންސިލުން ފާސްކޮށްފައިވާތީ އެކަން ހުއްޓާލުމަށް މާލޭ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އޮތީ ސިޓީ ކައުންސިލުން ފަށަން ހަމަޖައްސާފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ހިއްސާކުރުމާއި ބައެއް ހުށަހެޅުންތަކަށް މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމެވެ.

އެ މަޝްވަރާގެ ތެރެއިން، އެ ޕްރޮޖެކްޓްތަކުގައި ކައުންސިލްގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި، މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝާހިދު މިއަދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވަނީ، ސިޓީ ކައުންސިލްގެ އެމަޝްރޫއުތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރަން ހުށަހަޅުއްވައިފައެވެ.

އެ ހުށަހެޅުމާއި އެއްގޮތަށް އެކަންކުރިއަށް ގެންދަން ކައުންސިލުން ނިންމުމާއި ގުޅިގެން، އިންތިހާބީ މޭޔަރު މިއަދު ވަނީ، މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލައްވާ ފައެވެ.

އަދި މާލޭ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވެސް އާޒިމް ވަނީ ގޮވާލައްވާފައެވެ.

އާޒިމް މިގޮތަށް ގޮވާލައްވާފައިވާއިރު، ކައުންސިލްގެ އެ ނިންމުމަށް މީސްމީޑިއާގައި ވެސް ދަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. އަދި އެއީ މާލޭގެ މޭޔަރުކަމުގެ މަގާމު ސަރުކާރު ހިންގާ ޕީއެންސީއަށް ނުލިބުމުން ކުރާ ކަމެއްގެ ގޮތުގައި ވަނީ ތުހުމަތު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން