އދ. ގައި މިހާރުގެ މަސައްކަތް ކުރުމުގެ އުސޫލުތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޒަމީރު މިފަދައިން ގޮވައިލެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިއަދު ބޭއްވި ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެެވެ. އެ ޖަމާއަތުގެ އާ ޗެއާމަންގެ ހައިސިއްޔަތުން ޔޫގަންޑާގެ ފޮރިން މިނިސްޓަރު އޮޑޮންގޯ ޖެޖޭ އަބޫބަހުރު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އދ. އާއި އޭގެ މުހިންމު ގުނަންތައް އިސްލާހުކުރުން ހިމެނޭ ގޮތަށް ގްލޯބަލް ގަވަނެންސް އިސްލާހުކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ނޭމްއަށް ގޮވާލައްވާފައެވެ. އަދި އދ. ގައި މިހާރުގެ މަސައްކަތް ކުރުމުގެ އުސޫލުތަކަށް އިންގިލާބީ ބަދަލެއް ގެނެސް ސަގާފީ މައްސަލަތަކުން ބޭރުގައި އެހެން މައްސަލަތަކާ ގުޅޭ ގޮތުން ވެސް ވަރުގަދަ މަޝްވަރާތައް އުފެއްދުމަށް މިނިސްޓަރު ޒަމީރު އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރު ޒަމީރު ވަނީ ނޭމް އަކީ ފިކުރީ ބައިބައިވުމާއި ޖިއޮޕޮލިޓިކަލް ބަދަލުތަކާއި މީގެ ކުރިން ނުފެންނަ މުސީބާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު އުއްމީދެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ޒަމާނީ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހޭނި، އެކުގައި މަސައްކަތްކޮށް ހަރަކާތް ވަރުގަދަ ކުރުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

1961 ވަނަ އަހަރު އުފެއްދި ނޮން އެލައިންޑް މޫވްމަންޓްގައި ބޮޑެތި ބާރަކާ އެއްކޮޅަށް މަސައްކަތް ނުކުރާ 120 ގައުމެއް އެކުލެވޭ ގުރޫޕެއް ހިމެނެއެވެ. ރާއްޖެ އެންއޭއެމްގެ މެމްބަރަކަށް ވެފައިވަނީ 1976 ވަނަ އަހަރުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން