ޖަލުހުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް އޭރު އިދިކޮޅުގައި ތިބެގެން ދެއްކި ވާހަކައާއި ގުޅިގެން ރައީސް ޔާމީންގެ ލޯޔަރ އަދި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޑރ. މުޙައްމަދު ޖަމީލު އަޙްމަދުގެ ސުވާލެއް ސަރުކާރަށް އަމާޒު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން، ޕީއެންސީގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ ވެސް ވަނީ ވެރިކަން ލިބޭތާ ފުރަތަމަ ދުވަހު ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެފަދައިން ވިދާޅުވާ ވީޑިއޯއެއް އާންމު ކުރައްވާ ޑރ. ޖަމީލް މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ދެ ޚާއިނުންގެ ހެކިބަހަށް ކުރި ހަރާމް ހުކުމެއްކަމަށް އެންމެ ބޭފުޅުންވެސް ގަބޫލު ކުރެއްވި ކަމަށެވެ.

އަދި މިއަދު އެ ބޭފުޅުންނަށް އެ ހުކުމް ހަލާލުވީތޯއޭ ވިދާޅުވެ ސުވާލު އުފައްދަވައި ޖަމިލު ވިދާޅުވީ، އެ ސުވާލުގެ ޖަވާބު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އެއީ ސަމާސާ ކުރާވަރު ކަމެއް ނޫންކަމަށް ވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.

"ސަމާސާ ކުރާވަރުކަމެއް ނޫން މިއީ، ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީން މިނިވަން ކުރުމުގެ މައްސަލާގައި ސަރުކާރުންވަނީ އެކަމުގައި ސަރުކާރުން ކުރަން ހުރި ކަންކަންކޮށް ނިމިފައިވާކަމަށް ވިދާޅުވެފައެވެ.

ކުރިން ގިނަބަޔަކު ހީކުރިގޮތާއި ހިލާފަށް ސަރުކާރުން ބުނެފައިވަނީ، ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުން ރައީސް ޑރ. މުއިއްޒު ނިމުމަކަށް ގެންނަވާފައިވާ ކަމަށާއި ޝަރުއީ ދާއިރާގެ ތެރެއިން ރައީސް ޔާމީން މިނިވަން ވުމަކީ އެހެންކަމެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގަދައަށް ދެކެވުނު ނަމަވެސް މިހާރު އެވާހަކަ ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. ހާއްސަކޮށް ރައީސް ޔާމީން ޕީޕިއެމް ދޫކުރައްވާ އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ނިންމެވި ހިސާބުން، އެމަނިކުފާނު މިނިވަން ކުރުމުގެ ޝައުގެއް ސަރުކާރުގައި އޮތްކަމަށް ނުފެންނަކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން