ސަރުކާރުން މާލޭ ސިޓީކައުންސިލަށް ނުފޫޒު ނުފޯރުވާ ކަމަށް ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިރޭ ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ، ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް ކުރެއްވި ތުހުމަތާއި ގުޅިގެންނެެވެ. އާޒިމް އެފަދަ ތުހުމަތެއް ކުރެއްވީ މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން އެ ކައުންސިލުން ނިއްމާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ.

އެކަމާއި ގުޅިގެން ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ މިއަދުގެ ނިންމުމަކީ ކައުންސިލްގެ ޖަލްސާއަކަށް ހުށައަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްވެ މެމްބަރުން އެގޮތަަށް ބޭނުންވުމުން ނިންމި ނިންމުމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.

"ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްތަކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ،" ނަރީޝް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ނިންމުމާއި ގުޅިގެން އިންތިހާބީ މޭޔަރު އާދަމް އާޒިމް މިއަދު ވަނީ، މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި މާލޭ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވެސް އާޒިމް ވަނީ އެދިވަަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން