ކާބޯތަކެތީގެ އަގު ބޮޑުވަމުންދާތީ، އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓުންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި އަމްރު މިއަދު ވިދާޅުވީ، ކާބޯތަކެތީގެ އަގު ދަނީ ބާރަށް ބޮޑުވަމުން ކަމަށާއި، އެހެންކަމުން އެކަމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް މިހާރުން މިހާރަށްވެސް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން އަމްރު ވިދާޅުވީ، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރަންޖެހޭ ކަމަށާއި، އާންމުން އަތުން ނަގާ ޓެކްސް ކުޑަކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން ޑޮލަރު ރަސްމީ އަގުގަ ގަންނަން ލިބޭގޮތް ހަދަންޖެހޭ ކަމަށްވެސް ސަރުކާރުގެ މައި ވިޔަފާރި ކުންފުނީގެ އެމްޑީގެ މަޤާމުގައި ރައީސް ޞާލިޙްގެ ސަރުކާރުގައި 4 އަހަރު ހުންނެވި އަމްރު ވިދާޅުވިއެވެ.

"މިކަންކަން ނުކޮށް ލަސްކުރާކަށް ނުވާނެ." އަމްރު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އަމްރު ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދައްކާތާ 2 މަސް ވެއްޖެ ކަމަށާއި، އެމްއާރްއައިއެއް ހަދަން 2 މަސް ނަގާ ކަމަށެވެ. ތަކެތީގެ އަގު އިންތިހާއަށް މައްޗަށް އަރާފައިވާއިރު، ކަރަންޓާއި ފެނުގެ އަގުވެސް ވަރަށް ބޮޑުކަން އަމްރު ފާހަގަ ކުރެއްވިއެވެ.

އަމްރުވަނީ ކާބޯތަކެއްޗާއި އެހެނިހެން ތަކެތީގެ ޔަގީންކަން ކަށަވަރުކުރަން ބޭނުންނަމަ ކުރެވިދާނެ ބައެއް ކަންކަންވެސް ޙިއްސާ ކުރަށްވާފައެވެ.

"އުއްދަނޑި ހައްދާ ހަކުރު އުފެއްދުން؛ ފުށް ފެކްޓްރީ އެޅުން؛ އަލައިން ފުށް ހެދުން؛ ހަނޑޫ ހެއްދުން؛ ލޮނު އުފެއްދުން؛ ބޭސް އުފެއްދުން؛ އައިވީ ފެކްޓްރީ އެޅުން؛ މިއީ ރިސާޗް ހެދި ފަށަން ރާވާފަ ހުރި ބައެއް ކަންކަން" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ދުވަސްވަރު އަމްރުވަނީ ހދ.ކުޅުދުއްފުށީގައި ގޮދަންފުށް ފެކްޓްރީއެއް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރަށްވާކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން