ޖަލަށް ތަކެތި ވެއްދުން ހުުއްޓުވަން ބޮޑީ ސްކޭން ކުރެވޭނެ ރަނގަޅު ވަސީލަތްތަކެއް މި ވަގުތު ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފޯނާއި މަސްތުވާތަކެއްޗާއި އެހެނިގެން މަނާ ތަކެތި ޖަލަށް ވެއްދުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އަދި އެކަން ނުހުއްޓުވޭތީ އާންމުންގެ ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް އޮވެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ޖަލަށް ވައްދާ ތަކެތި އެއްކޮށް ނުހުއްޓުވޭ ކަމަށެވެ.

އެހެން ނަމަވެސް ޜާއްޖެއަކީ ކުޑަކުޑަ މުޖުތަމައެއް ކަމަށާއި މި ވަގުތު ރާއްޖޭގެ ޖަލުތަކަށް މަނާތަކެތި ވެއްދުން ހުއްޓުވުމުގެ ކަންކަން އޮތީ އެންމެ ރަނގަޅަށް ނޫން ކަަމަށް ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރަށް ވުރެ ނަޒާހަތްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ގަވައިދާ ހިލާފަށް ޖަލުތަކަށް ތަކެތި ވެއްދުމުގެ ކަންކަން ހުއްޓުވޭނެ ކަމަށެވެ.

"މި ވަގުތު ބައެއް ކަހަލަ ދަތިތައް އެބަހުރި. ވަސީލަތްތަކުގެ ގޮތުން ބަލާކަމަށް ވަންޏާ ބޮޑީ ސްކޭން ކުރެވޭނެ ނިޒާމްތައް ޖަލުތަކުގައި މި ވަގުތު ނެތް. އެހެންވީމާ ޖަލުތަކަށް އަންނަ މީހުންނާ އެކެހެރި ބައްދަލުވުމަށް އަންނަ މީހުންނާ އަޅުގަނޑުމެންގެ މުވައްޒަފުން ވެސް ވަދެ ހަދާއިރުގައި އަސްލު އިންޓަނޭޝަނަލް ސްޓޭންޑަޑްތަކުން ބަލާ ކަމަށްވާނަމަ ހަދަން ޖެހޭ ހުރިހާ ސްކޭންތަކާ އެއްޗެތި ނުހެދޭ." އިހުސާން ވިދާޅުވި އެވެ.

އެހެންކަމުންް އެކަންކަން ރަނގަޅުކުރަން ޖަލުތަކުގެ ވަސީލަތްތައް ރަނގަޅުކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން