އަވަސް ފަރުވާއަށް ގއ. ވިލިނގިލިން ކުޑަކުއްޖަކު މާލެ ނުގެނިވެގެން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކުރިން އަވަސް ފަރުވާއަށް އިންޑިއާގެ ޑޯނިއޯ އަދި ހެލިކޮޕްޓަރުގައި މީހުން ގެނައި ނަމަވެސް މި ސަރުކާރު އައިސް އެ ބޯޓުތަކުގައި މީހުން އުފުލުން ވަނީ ހުއްޓާލައިފަ އެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އަވަސް ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހުމުގެ ސަބަބުން ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ 13 އަހަރުގެ ކުއްޖެއްގެ ހާލަތު ދަނީ ދަށްވަމުން ކަމަށް އެރަށުން ބުނެއެވެ.

ސަޢުދު ވިދާޅުވީ އަވަސް ފަރުވާ ލިބެން ހުރި ހާލަތުގައި ގައުމުގައި ހުރި ވަސީލަތް ބޭނުންނުކޮށް މިފަދަ ކަންކަން ލަސްވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ހާލަތުގައި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވަރަށް ގިނަ ބަލިމީހުން ވަނީ އަވަސް ފަރުވާ ލިބިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ރައްޔިތުން އަޅާލުން ކުޑަ ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ސަރުކާރެއް، ވިލިނގިލި ރައްޔިތުންނަަށް ވަރަށް ހިތްދަތި ދުވަހެއް.. މާބޮޑުކޮށް." އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީން ގެއްލުނު މުޙައްމަދު ނައީޝް ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓު ބޭނުންނުކުރި މައްސަލައިގައި ވެސް އިދިކޮޅުން ސަރުކާރަށް ފާޑުކިޔާފައި ވެއެވެ.

އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް އެއާ އެމްބިއުލާންސެއް ތަރައްގީ ކުރުމުގެ މަސައްކަތް މިސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އަންނަ މާޗުމަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން