އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖެއިސަލްވާލް
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖެއިސަލްވާލް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައިގައި، ދެގައުމު އެއްބަސްވާ ގޮތަށް ކަންކަން ކުރިއަށްދާނެކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖެއިސަލްވާލް ވިދާޅުވެއްޖެއެވެ.

ރަންދީރު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައިގައި އިންޑިއާގެ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިމައްސަލައިގައި ރަންދީރު ވިދާޅުވީ ދެގައުމުން މިކަމާބެހޭ މަޝްވަރާތައް ފަށާފައިވާކަމަށާއި، މަޝްވަރާތައް ކުރިއަށްދާވަރަކުން ދެގައުމުންވެސް ނިންމާ ކަންކަން ހާމަ ކުރަމުންދާނެކަމަށެވެ. އަދި ކަންކަން ނިންމުމުގައި ދެގައުމު އެއްބަސްވާ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް އިސްކަން ދޭނެކަމަށް ވެސް ރަންދީރު ވިދާޅުވިއެވެ.

މީގެއިތުރުން މިހާރުވެސް ފާހަގަވާ މުހިންމު ކަންކަން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީގެ ބައްދަލުވުމުގައި އިންޑިއާއިން ހުށައަޅާފައިވާކަމަށް ރަންދީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދެގައުމުގެ ހާރިޖީ ގުޅުން ބަދަހިކޮށް، އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުން އަވަސްކުރުމުގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދީ ކުއްލި ހާލަތްތަކުގައި ދެމުންދާ މެޑިކަލް އިވެކުއޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކޮށްފައިވާކަމަށް ރަންދީރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައިގައި، އިންޑިއާ ސިފައިން، މާޗް 15 ގެ ކުރިން އަނބުރާ ޤައުމަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ. އަދި ދުބާއީގައި ކުރިއަށްދިޔަ ކޮޕް-28 ގެ ހަވާސާގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް މިއަދު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖެއިން މިފަދަ ރަސްމީ އެންގުމެއް އަންގާފައިވޭތޯ ނޫސްވެރިއަކު އެހުމުން އެމިނިސްޓްރީގެ ތަރުޖަމާނު އެސުވާލަށް ސީދާ ވަކި ޖަވާބެއް ނުދެއްވާ، ދެގައުމުން ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށްފަހު ނިންމަން ޖެހޭ ކަންކަން ނިންމާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ވަކި ނިންމުމެއް ނުނިންމާ ހިނދު މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ދަންނަވަން އުނދަގޫކަމަށް ރަންދީރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެކެެވެެ. އެގޮތުން އިންޑިއާ ސަރުކާރާއި ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު އިންޑިޔާ ސިފައިންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން