ކައުންސިލްތަކުން ބޭނުންވާނަމަ ރަށްރަށާއި ކައިރީ އޮންނަ ފަޅުރަށްތައް އެ ކައުންސިލްތަކުގެ ބޭނުންތަކަށް ލިބޭނެގޮތް ފަހިކޮށްދޭ ގަވާއިދު ސަރުކާރުން އާންމުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވާ އެނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާއި ބެހޭ ގަވާއިދުގެ ނަމުގައި މިއަދު އާންމުކުރި ގަވާއިދުގައި ބުނެފައިވަނީ، ކައުންސިލްތަކުން ބޭނުންވެއްޖެނަމަ އެ ކައުންސިލެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށެއް ވިޔަސް އެ ރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައި ކަމަށެވެ.

އެގޮތުން ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ރަށްތައް ދޫކުރުމުގެ މަސައްކަތް ކުރާނީ ސިޓީތަކާއި ލޯކަލް ގަވަރމަންޓާއި ގުޅޭ މިނިސްޓްރީން ކަމަށާއި ނަމަވެސް ރަށެއް ކައުންސިލަކަށް ދިނުމަށް ނިންމަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

މި ފުރުސަތު ކައުންސިލްތަކުގެ އިތުރުން އާންމު ފަރާތްތަކަށް ވެސް ހުޅުވާލާފައިވާއިރު، ރަށްރަށުގައި ހިންގޭނެ ނަފާވާ ކަންކަން ވެސް އެ ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ރަށްރަށުގައި ކުރިއަށް ގެންދެވޭނެ ކަންކަން:

1. ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން

2. ތަކެތި ގުދަންކުރުން

3. ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން

4. ދޫނި ގެންގުޅުން

5. މަސްކައްކައި ހިއްކުން

6. ލޮނުމަހުގެ މަސައްކަތް ކުރުން

7. ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން

8. އެކުއަކަލްޗަރގެ މަސައްކަތް ކުރުން

9. ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން

10. ދިރޭމަސް ގެންގުޅުން

11. އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން

12. ފައިބަރުގެ މަސައްކަތް ކުރުން

13. ވަޑާމުގެ މަސައްކަތް ކުރުން

14. ވާރކްޝޮޕް ހެދުން

15. އެޅިގަލުގެ މަސައްކަތް ކުރުން

16. ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން

17. ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

ގަވާއިދުގައި ބުނާގޮތުން، ކައުންސިލްތަކަށް ފަޅުރަށް ދޫކުރާނީ 10 އަހަރުގެ މުއްދަތަށެވެ. އެ މުއްދަތުގައި އެ ރަށުގެ ތިމާވެށީގެ ކަންކަމަށް ސަމާލުވުންފަދަ ކަންކަން ގަވާއިދުގައި ކައުންސިލްތަކުން ކުރުމަށް މަތިކޮށްފައިވެއެވެ.

ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ބައެކެވެ. އެކަން ހާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް އެ މަސައްކަތް ހަވާލު ކޮށްފައިވާ ސިޓީތަކާއި ލޯކަލް ގަވަރމަންޓާއި ގުޅޭ މިނިސްޓްރީން ދާދިފަހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން