ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލު ކުރައްވައިފިއެވެ.

ޔުގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށްދާ ނާމްގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޒަމީރު، ޖައިޝަންކަރާއި ބައްދަލު ކުރައްވައި އެކްސްގައި ވިދާޅުވީ، ބައްދަލުވުމުގެ ހަވާސާގައި ދެ ބޭފުޅުން ބައްދަލުވެ ދެގައުމުގެ ބައެއް ކަންކަމާ މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަސައްކަތާއި ގުޅޭގޮތުން މިހާރު ކުރިއަށްދާ މަތީފަންތީގެ މަޝްވަރާތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މި ދެބޭފުޅުން އެކަމުގެ މަޝްވަރާތައް ކުރައްވާފައިވާއިރު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް ޖެނުއަރީ 14 ވަނަ ދުވަހު ފޮރިން މިނިސްޓްރީއަށް ވަޑައިގެން އެކަމާ ގުޅޭ ހައި ލެވެލްގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ފެށިގެން ކުރިއަށް ދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެކަމަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މީގެ ކުރިން އެކިފަހަރުމަތިން ވިދާޅުވެފައެވެ.

އިންޑިއާގެ މިނިސްޓަރާއިއެކު ޒަމީރު މިއަދު ބޭއްވެވި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ހިނގާ ތަރައްގީގެ އެކި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން