ނިމިދިޔަ 2023 ވަނަ އަހަރަކީ ވެސް ޝަރުއީ ދާއިރާގެ އުމްރާނީ ތަރައްގީ ހީނަރުވެ ބައެއް ކޯޓުތައް ހިންގުމަށް ދަތިވި އަހަރެއް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ އާ އަހަރު ފެށުމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ގާނޫނު އަސާސީގައި ލިބިދީފައިވާ ޝަރީއަތް ކުރުމުގެ މަސައްކަތްތަކަށް ދަތިވާ އެއްކަމަކީ އުމްރާނީ ތަރައްގީ ހީނަރުވުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރަކީ ވެސް ކޯޓުތަކުގެ އުމްރާނީ ތަރައްގީ ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އަހަރެއް ކަމަށާއި އޭގެ ސަބަބުން ބައެއް ކޯޓުތަކުގެ މަސައްކަތްތައް ހުއްޓިފައިވެސް ވާކަމަށެވެ.

"ނިމިދިޔަ އަހަރު ވާރޭ ވެހުމުގެ ސަބަބުން، ކްރިމިނަލް ކޯޓާ، ފެމެލީ ކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ގިނަގުނަ ގެއްލުންތަކެއް ވެފައިވޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭގެ ތެރެއިން ވާރޭ ވެހުމުގެ ސަބަބުން ފެމެލީ ކޯޓަށް ލިބުނު ގެއްލުންތައް ވަޒަންކޮށް އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދި އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް މިދިޔަ އަހަރު ކުރަންޖެހުނު ކަމަށެވެ.

އަދި ކްރިމިނަލް ކޯޓަށް ލިބުނު ގެއްލުންތަކަށް ރިޔާއަތްކޮށް އެ ކޯޓުން ތައްޔާރުކުރި ރިޕޯޓަށް ބަލައި އެކަންކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވުނު ކަމަށާއި، އެ ކޯޓަށް މިދިޔަ އަހަރު 854 މައްސަލަ ހުށަހެޅުނު ނަމަވެސް، އެ ކޯޓު ހިންގާ އިމާރާތް ބާވެ އެ އިމާރާތަށް މީހުން ހާޒިރުކޮށްގެން ޝަރީއަތްތައް ގެންދެވޭނެ ފުރުސަތު ނެތުމުން އެ ކޯޓުގެ މަސައްކަތް އޮތީ ހުއްޓިފައިކަން ވެސް އުއްތަމަފަނޑިޔާރު މުއުތަސިމް ފާހަގަ ކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އުމްރާނީ ތަރައްގީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ޝަރުއީ ދާއިރާއަށް 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައެވެ. އެ ބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން