އެންމެ ބޮޑު އަމާޒަކީ ރާއްޖެ އައިޓީ (އިންފޮމޭޝަން ޓެކްނޮލޮޖީ) ގެ ހަބަކަށް ހެދުން ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފަންނިއްޔަތުގެ ދާއިރާއިން އަންހެނުން ބިނާކުރުމާއި، ކޯޑިންގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް ފަށަން ނިންމާފައިވާ ޕްރޮގްރާމާ ގުޅޭގޮތުން ކަމާގުޅުން ހުރި ދާއިރާތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުންނެެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ އައިޓީ ދާއިރާގެ ވަރަށް ހުނަރުވެރި ޒުވާނުން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންކަމުން އެ ދާއިރާ ތަރައްގީކޮށް ފުޅާކުރަން ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެ އައިޓީ އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ހަބަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އައިޓީ ދާއިރާގެ ވަރަށް ގިނަ ފުރުޞަތުތައް އެބަހުރި ކަމަށާއި މުސްތަގުބަލުގައި ރާއްޖެ ތަރައްޤީވެގެން އަންނަ އިރު އައު އީޖާދީ ވިސްނުންތެރިން ބޭނުންވާނެ ކަމަށެވެ. އައިޓީ ދާއިރާ އިން މީހުން ބިނާކުރުމަށް ސަރުކާރުން ފަށާ މިޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގުރާމުގެ ދަށުން ވޯކިން ސެޝަންތަކާއި ހެކަތޯނެއްވެސް މި މަހު ލޯންޗް ކުރާ ގޮތަށް ހަމަޖެހިފައިވާއިރު ހެކަތޯން އަންނަ މަހު ބާއްވާނެ ކަމަަށް މިނިސްޓަރު އަސްވާޑު ވިދާޅުވި އެވެ. ރަނގަޅު މަސައްކަތެއް ކުރެވިއްޖެ ނަމަ، އައިޓީގެ ވަރުގަދަ ސިކުނޑިތައް ރާއްޖޭގައި ހިފެހެއްޓޭނެ ކަމަށް އަސްވާޑު ވިދާޅުވިއެވެ.

އައިޓީ އާއި ފަންނިއްޔަތުގެ ދާއިރާއިން ފަސް އަހަރުތެރޭ ފަސްސަތޭކަ މީހުން ތަމްރީންކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން