ކުށް ކުރާ ކުޑަކުދިން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށް ޚާއްސަ ރަަށެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ މާހާއުލަށް ހުށައެޅިފައިވާ ކުށްކުރާ ކުޑަކުދިން މުޖުތަމައަށް ނެރުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ކަނޑައަޅާ ވަކި ހާއްސަ ރަށެއް ޑިޒައިންކޮށް އެރަށުގައި އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އެރަށް ތަރައްގީ ކުރުމަށްފަހު އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން ކުށުގެ މާހައުލުގައި މިހާރު އުޅެމުންދާ ކުދިންނާއި ކުށުގެ މާހާއުލަށް އަލަށް ހުށައެޅޭ ކުދިން ބެލެނިވެރިންގެ އިޒުނައާއި ކޯޓު ތަކުގެ ހުކުމްތަކާއި އެއްގޮތަށް އެރަށައް ގެންދާނެ ކަމަށެެވެ. އަދި އެރަށުގައި އެ ކުދިންނަަށް ބޭނުންވާ ފަރުވާގެ އެންމެހައި ކަންކަމާއި ތައުލީމާ ތަމްރީނާއި މުޖުތަމައަށް ބޭނުންތެރި މަސައްކަތްތައް ދަސްކޮށްދީ ހުނަރު ޕްރޮގުރާމްތައް ރާވައި ހިންގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެރަށުގައި ރިހިބެލިޓޭޓް ކުރާ ކުދިންގެ އާއިލާ ތަކަށް ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި އެރަށުގައި ބައްދަލު ކުރެވޭނެ އިންތިޒާމް ތަކެއް ހަމަޖައްސަވާނެ ކަމަށާއި އާއިލާތަކުގެ ބެލުމުގެ ދަށުން ވެސް ބައެއް ޕްރޮގުރާމްތައް ރާވާނެ ކަމަށެވެ.

"މިވަގުތުން ވަގުތަށް މިކަން ފެއްޓުމަަށްޓަކައި ފުލުހުންގެ ބެލުމުގައި ދަށުގައި މިހާރު އޮތް ދ. ވާނީގައި މިކަން ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން، މި މަސައްކަތް ކުރިއަށް ގެންދަން މިހާރު ވިސްނުން ހުރީ ސިފައިންނާއި ފުލުހުންގެ ގުޅިފައިވާ ޓީމްތަކާއި އެކުގައި. ހަމައެއާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ޖެންޑަރ އެންޑް ފެމެލީ އާއި އިސްލާމިކް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި އެހެން މުވައްސަސާތަކުގެ އެހީތެރިކަމާއެކު ގައުމީ މައްސަލައެއްގެ ގޮތުގައި މިކަން ދެކިގެން އަަޅުގަނޑުމެން މިކަން ކުރާނީ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އިހުސާން ވިދާޅުވީ ކުށް ކުރާ ކުޑަކުދިންނަށް ހާއްސަ ރަށުގައި އެކުދިން ރެހިބިލިޓޭޓްކޮށް މުޖުތަމައަަށް ނެރުމަަށްފަހު ގާތްގަނޑަކަށް 3 އަަހަރާއި 5 އަހަރުގެ މުއްދަތުގައި ސިފައިން ނުވަތަ ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރަންޖެހޭނެ ކަމަށެވެ. އެ މުއްދަތުގެ ފަހުން އެކުދިން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންގެ ތެެރެއިން ގާތްގަނޑަކަށް 200 އެއްހާ ކުދިން ކުށުގެ މާހާއުލުގައި އުޅެމުންދާކަން ފާހަަގަކުރެވިފައިވާ ކަމަށެވެ. އެކުދިން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރެވިއްޖެނަމަ ރާއްޖޭގެ ކުށުގެ މާހާއުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

"މިވަގުތު ރާއްޖޭގައި ކުށްތައް، ހާއްސަކޮށް ގޭންގުކުށްތަކުގެ ތެރޭގައި ކުށް ކުރުމަށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ކުޑަކުދިން ގެންގުޅޭ ގެންގުޅުން އަޅުގަނޑުމެން ބޭނުންވޭ އެއްކޮށް ހުއްޓުވަން. މިކަން ހުއްޓުވިއްޖެ ނަމަ ކުރިމަގުގައި އަޅުގަނޑުމެންގެ ޒުވާނުން ވެގެންދާނީ އިރާދަކުރެއްވިޔާ ގައުމަށް ބޭނުންތެރި މުހިންމު ގައުމަށް ފައިދާ ކުރަނިވި ބަޔަކަަަށް." މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން