މަސްވެރިން ބާނާ މަހަށް ބަރާބަރަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުވަތަ މަސްކިރުވުމަށްފަހު ދޭންޖެހޭ ފައިސާ ދާއީމީ ގޮތެއްގައި ބަރާބަރަށް މަސްވެރިންނަށް ލިބޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރައީސް މުޢިއްޒު އެކަމަށް ވަރަަށް ބޮޑު އިސްކަމެއް ދެއްވާ ކަމަަށާއި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމް އެމަނިކުފާނު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން އެކަމަށް ސަރުކާރަށް މިވަގުތު އުނދަގޫ ތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑަށް އެ ޔަގީންކަން އެބައޮތް، މަސްވެރިންނަށް ދޭ ފައިސާކޮޅު ނޫނީ މަސްވެރިން މަސް ކިރާފައި އެ ލިބޭ ފައިސާ ބަރާބަރަށް އިރާދަކުރެއްވިއްޔާ މަސްވެރިންނަށް މާލަސްތަކެއް ނުވެ ދާއިމަށް ބަރާބަރަަށް ފައިސާ ދެވޭނެ ނިޒާމް އެ އިންތިޒާމް ރައީސުލްޖުމުހޫރިއްޔާ ވަރަަށް އަވަހަށް އެބަ ހަމަޖައްސަވާ،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ އެންވެރިކަން އާލާކުރުމުގެ ޕްރޮޖެކްޓެއް ދެކުނުގައި މިހާރު ފަށާފައިވާ ކަމަށެވެ. އަދި އުއްމީދަކީ މުސްތަގުބަލްގައި އެން އާލާކުރުން އެއީ މަސްވެރިކަމުގެ ވަކި ސެގްމަންޓަކަަށް ވަކިން އާމްދަނީ ހޯދާ މަސައްކަތަކަަށް ވެގެން ދިޔުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަަށް ވިދާޅުވީ މަސް ރައްކާކުރެވޭނެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި މަސްވެރިންނަށް ބޭނުންވާ އައިސް ކެޕޭސިޓީ އިތުރުކުރުމާއި މަސްވެރިންނަށް ތެޔޮ ސަޕްލައި ކޮށްދޭ ސްޓޭޝަންތަކުން މިހާރަށްވުރެ ފަސޭހައިން ލިބޭނެ ގޮތް މެދުވެރިވެގެންދިޔުން ފަދަ ކަންކަން ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން