ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި ހޯދުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށް އެންވަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަންކުރާ އުޅަނދުތަކުގައި ރެސްކިއު ޑައިވަރުން ބޭތިއްބުމަށް އެފަދަ ފަރާތްތައް ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއްވަނީ ގެއްލިފައި ކަމަށާއި އެ ސަރަހައްދަކީ ދިވެހި މަސްވެރިން އެ ސަރަހައްދަށް ގޮސް މަސްވެރިކަން ކުރާ ސަރަހައްދެއްކަމަށެވެ. އެހެންކަމުން އެ މުހިންމު ސަރަހައްދު މަސްވެރިންނަށް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު މަސްވެރިންނަށް ރައީސް ހޯއްދަވައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ އެމަަސައްކަތްތައް އަޅުގަނޑުމެން ކޮށް ރާއްޖޭގެ ދެކުނުން ގެއްލިފައި މި އޮތް ސަރަހައްދު ވެސް ރައީސް ހޯއްދަވައިދެއްވާނެ ކަން އެއީ އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެހެންކަމުން މި ވެރިކަމުގެ ފުރަތަމަ ސާދަ ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ މިހާރު ހަވާލުކޮށްފައިވާކަމަށް ދިވެހި ސަރުކާރުން މީގެ ކުރިންވަނީ ބުނެފައެވެ.

އަދި އެނިންމުން ދިރާސާކޮށް މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައިކަމަށްވެސް ދިވެހި ސަރުކާރުން އޭރު ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން