ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެއް ވައުދު ކަމަށްވާ އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، އަންހެނުން އުފައްދާ އެކި ބާވަތުގެ ތަކެތި ވިއްކުމަށް ކުޑަ ކުއްޔެއްގައި ވަސީލަތްތަކާއިއެކު ފަހިކޮށްދީ ހުޅުމާލޭގައި ފެށި ހިޔަލަ ވީކެންޑް މާކެޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޝަތު ޝިހާމް ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުމަށް، އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް، ދޫކުރަން ހަމަޖެހިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށާއި، އޭގެ އިތުރުން ކުދި ވިޔަފާރިތަކަށް ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ލޯނެއް ވެސް ވަރަށް އަވަހަށް ތައާރަފް ކުރެވިގެން ދާނެކަމަށެވެ.

އެހެންކަމުން ސަރުކާރުން ފަހިކޮށްދޭ އެފަދަ ފުރުސަތު ތަކުގެ ބޭނުން ވީހާވެސް ގިނަ އަންހެނުން އެންމެ ރަނގަޅަށް ހިފުމަކީ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އައިޝަތު ޝިހާމް ވިދާޅުވީ، އަންހެނުން ފުދުންތެރި ބަޔަކަށް ހެދުމަކީ މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަންތައް ކަމަށާއި މިރޭ ހުޅުވި ހިޔަލަ ވީކެންޑް މާކެޓަކީ އެ މަގުސަދުގައި ފެށުނު މަސައްކަތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން