އިތުރު ފަރުވާއަށް ވިލިނގިލިން މާލެ ގެނައި ކުއްޖާގެ ކޭސް އާސަންދައަަށް ލިބުނު އިރުވެސް ޑޮކްޓަރުން ވަނީ އެކުއްޖާގެ "ބްރެއިން ޑެޑް" ކަމަށް ނިންމާފައި ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން މިގޮތަށް ބުނެފައިވަނީ ސަރުކާރުން އިންޑިއާގެ ޑޯނިއަރ ބޯޓު ބޭނުން ނުކުރުމުން ގއ. ހޮސްޕިޓަލުން ބަލި ކުއްޖަކު މާލެ ގެނައުމުގައި ލަސްވެ، ޙާލު ސީރިއަސްވެގެން އެކުއްޖާ ނިޔާވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

އާސަންދައިން ބުނީ ބަލިމީހުން އެއް ރަށުން އަނެއް ރަށަށް ގެންދިއުމުގައި އަބަދުވެސް ބޭނުން ކުރަނީ މޯލްޑިވިއަންގެ ފްލައިޓްތައް ކަމަށެވެ. އާސަންދައިގެ ބަލި މީހުން އުފުލުމަށް އިންޑިއާގެ ޑޯނިއަރ ފްލައިޓް ބޭނުން ނުކުރާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އާސަންދައިން މަޢުލޫމާތު ދީފައިވެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ރެކޯޑްތަކަށް ބެލި ނަމަވެސް މި ހަގީގަތް ހާމަވާނެ ކަމަށް އާސަންދައިން ބުނެފައި ވެއެވެ.

ގއ. ވިލިނގި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން މިކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުން ކަމަށް މީޑިއާތަކުން ބުނެއެވެ.

އިތުރު ފަރުވާއަށް އެކުއްޖާ މާލެ ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ފްލައިޓަކުންނެވެ. ކުއްޖާ ގެނައީވެސް ވެންޓިލޭޓަރުގައި ކަމަށް ވެސް އާސަންދައިން ބުނެފައި ވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އެ ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާއަކީ ބްރެއިން ޓިއުމަރެއް ހުރި ކުއްޖެއް ކަމަށާއި ކުއްޖާގެ ހާލު ދެރަވީ ސްޓްރޯކެއް ޖެހިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް އެއާ އެމްބިއުލާންސެއް ތަރައްގީ ކުރުމުގެ މަސައްކަތް މިސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އަންނަ މާޗުމަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން