ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމުގައި އިހުމާލުތަކެއް އޮތްކަމަށްބުނެ ފަތުރާ ވާހަކައަށް އާސަންދައިން ރައްދުދީފިއެވެ.

އާސަންދައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔުމަށް އާސަންދައަށް ރިކުއެސްޓް ލިބުނީ، މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހު 5:03 ގައި ކަމަށެވެ.

އެ ރިކުއެސްޓް ލިބުނުތާ 12 މިނެޓްގެ ތެރޭގައި އާސަންދަ އެޕްރޫވް ކޮށްފައިވާނޭ ކަމަށާއި ވައިގެމަގުން މާލެ ގެނައުމަށް ފްލައިޓްތައް އޮންނަ ގަޑިތައް ބަލައި އެންމެ އަވަސް ގަޑިއަކަށް ތައްޔާރު ކުރުމަށް ހޮސްޕިޓަލަށް ގުޅާ ލަފާ ދެވިފައިވާނޭ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އަދި ފްލައިޓްތަކުގެ ޝެޑިއުލް ބެލިއިރު އެންމެ ކައިރި އެއާޕޯޓްކަމަށްވާ ކޫއްޑޫ އެއަރޕޯޓުން އެންމެ އަވަހަށް ފްލައިޓެއް އޮތީ މިމަހުގެ 19 ވަނަ ދުވަހު ކަމަށްވާތީ، ޗާޓަރު ކޮށްގެން ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް ވަގުތުން ފެށިކަމަށާއި މޯލްޑިވިއަން އިން ޗާޓަރު ފްލައިޓްގެ ގަޑި ލިބުނީ އެދުވަހުގެ ހެނދުނު 8:57 ގައި ކަމަށާއި އެ ފްލައިޓް ޝެޑިއުލް ކުރެވުނީ ކޫއްޑޫއަށް މެންދުރުފަހު 2:55 ގައި ޖައްސާ، ބަލިމީހާ ގޮވައިގެން ހަވީރު 4:20 އެހާއިރު މާލެ ދެވޭނެ ގޮތަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެ ފްލައިޓްގައި އޭނާ މާލެ ގެނައުމަށް، ވިލިނގިލިން ކޫއްޑޫއަށް ގެންދިޔުމަށް 18 ވަނަ ދުވަހުގެ ހެނދުނު 11:18 ގައި އެމްއެންޑީއެފް ސީއެމްބިއުލާންސް ހަމަޖައްސައިދީފައި ވާނޭ ކަމަށާއި ހަމަ އެއާއިއެކު، މާލެއިން ކައްދޫއަށް ދަތުރުކުރާ ފްލައިޓެއްގައި ހުސް ސީޓް ހުރުމުން އެ ބޯޓު ކޫއްޑޫއަށް ދަތުރުކޮށް ބަލިމީހާ ގެނައުމަށް ދަތުރު ކުރެވިދާނެކަމަށް މޯލްޑިވިއަނުން އާސަންދައަށް އެ ދުވަހުގެ 11:40 ގައި އެންގި ކަމަށް ވަނީ ބުނެފައެވެ.

އަދި އެބޯޓުގައި އެ ދުވަހުގެ މެންދުރުފަހު 1:50 ގައި ބަލިމީހާ މާލެ ގެންދެވިދާނެކަމަށް މޯލްޑިވިއަނުން ބުނުމުން އެކަމަށް ތައްޔާރުވެ ތިއްބާ، ބޯޓަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގައި ޕްލޭންކުރިގޮތަށް ބޯޓު ނުފޮނުވި ލަސްވި ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އެއާއިއެކު އަލުން ފްލައިޓެއް ޗާޓަރު ކޮށްގެން 18 ވަނަ ދުވަހުގެ ހަވީރު 4:35 ގައި ކޫއްޑޫއިން ފުރައިގެން އެ ދުވަހުގެ ހަވީރު 5:15 ގައި މާލެއަށް ގެނެވުނު ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ ހައްސާސް ކަންކަމުގައި އާންމުންނަށް އޮޅޭގޮތަށް ހަބަރު ނުފެތުރުމަށާއި ތެދު މައުލޫމާތު ސާފު ކުރުމަށްފަހު ހަބަރު ފެތުރުމަށް އާސަންދައިން ވަނީ އެދިފައެވެ.

އާސަންދައިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، މާލެ ގެނައުން ލަސްވެ, ހާލު ސީރިއަސްވި ބަލިމީހާ ނިޔާވި ކަމަށް ބުނެ މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެމީހުން ބުނާގޮތުން މިހާދިސާގައި ބަލި ކުޑަކުއްޖަކު ނިޔާވީ އިންޑިއާގެ ޑޯނިއަރ ބޯޓު މި ސަރުކާރުން ބޭނުން ނުކުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން