ކުއްލި ހާލަތްތަކުގައި ބަލިމީހުން ފަރުވާއަށް އެކި ތަންތަނަށް ގެންދިޔުމުގައި މިހާރު އަމަލުކުރަން އޮންނަ ނިޒާމް އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ކަމާއި ގުޅުންހުރި އިދާރާތަކަށް އަންގަވައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ސިއްހީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، މިއަދު ނިޔާވުމާއި ގުޅިގެން، ރައީސް އޮފީހުން މިއަދު ބުނެފައިވަނީ، އެ ޚަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގެންނެވުމާއި އެކުކަމަށެވެ.

އަދި މި ހާދިސާއާއި ގުޅިގެން މުޙައްމަދު ޖާހު ޚާލިދުގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު އެމަނިކުފާނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށާއި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް، ރައީސް މިއަދު ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފައި ކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.

އަދި، ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމަށާއި، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ރައީސް މިއަދު ވަނީ އަންގަވާފައެވެ.

ރައީސް މިފަދަ އެންގެވުންތަކެއް އަންގަވާފައިވާއިރު، މި މައްސަލާގައި ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ ބޮޑެތި އިހުމާލުތަކެއް މިކަމުގައި އޮތްކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން