މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބިންހިއްކުމުގެ މަސައްކަތާއެކު އިންފުރާސްޓަކްޗަރ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިރޭ ވިދާޅުވެއްޖެއެެވެ.

ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ހައްގުގައި ވަކާލަތު ކުރާ ޖަމިއްޔާ އަކުން އިސްނަގައިގެން މިރޭ ބޭއްވި މާލޭގެ "ބިންވެރިންގެ ސައްލާ"ގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޮ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ގިރާވަރު ފަޅުން 50 ނުވަތަ 54 ހެކްޓަރު ބިން ހިއްކައި ނިންމާފައިވާ ކަމަށާއި ގުޅީފަޅުން 94 ހެކްޓަރު ބިން ހިއްކައި ނިންމާފައިވާއިރު ހުޅުމާލެއިން ދެވަނަ ސެގްމަންޓް ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ގިރާވަރު ފަޅާއި ގުޅީފަޅުން ކުރިން ހިއްކަން ހަމަޖެހިފައިވާ ވަރަށްވުރެ ބޮޑު ބައެއް އިތުރުކޮށް ހިއްކަން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިރާވަރު ފަޅާ ގުޅީފަޅު ހިއްކުމުގެ މަސައްކަތާއި އެކު އެތަން ތަނުގައި ފެނާއި ނަރުދަމާ އާއި ސުކޫލުތަކާއި މަގުތައް ހެދުން ފަދަ އިންފުރާސްޓަކްޗަރ ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"ގުޅީފަޅުގައި އިންފުރާސްޓަކްޗަރ ގާއިމް ކުރުމަށްޓަކައި އެންމެ ފަހުން ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކޮންޓްރެކްޓަރަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ، ގިރާވަރު ފަޅުގައި އަސާސީ އިންފުރާސްޓަކްޗަރ ގާއިމް ކުރުމުގެ ޕްރޮޕޯސަލްތައް ޗައިނާގައި ބޭއްވުނު އިންވެސްޓްމަންޓް ފޯރަމްގައި ހުށައަޅައި ވަރަށް ގިނަ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ. އެފަރާތްތަކާއި އެކު މިހާރު މަޝްވަރާތައް ކުރިއަށް އެބަދޭ އެންމެ ރަނގަޅު ހުށައެޅުމެއް ހުށަައަޅާފައިވާ ފަރާތަކާއި ދެމެދު އެއްބަސްވުން އެކުލަވާލުމަށްޓަކައި ދެން އެޗްޑީސީން އެމަސައްކަތް ބިން ހިއްކައި ނިމުމާއެކު ކުރިއަށް ގެންދާނެ." ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން