މި ސަރުކާރުން ބިންވެރިކުރުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު މަޝްރޫއާއި ދެކޮޅު ނޫންކަމަށާއި އެކަމަކު އެންމެ ފުރަތަމަ ބޭނުންވަނީ ކައިރީގައި ހުރި ތަންތަނުގެ މަސައްކަތް ނިމިގެން ދިޔުންކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، މާލޭ ބިންވެރިޔާ ސައްލާ، ނަމުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެގޮތުން، ހުރިހާ ކަމެއްގެ ގޮސް ފެށެނީ ގޯތި ގެދޮރުގެ މައްސަލައިން ކަމަށާއި އެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ގަބޫލުފުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، މާލޭގެ ރައްޔިތުންނަށް އެކަމަށް ހައްލެއް ހޯދައިދިނުމަށް ހުޅުމާލެ، ގުޅީފަޅު، އުތުރުތިލަފަޅުފަދަ މާލެއާއި ކައިރީގަެި ހުރި ތަންތަން ހިއްކާ އެ ތަންތަނުގައި ވަސީލަތްތައް ގާއިމްކޮށްދިނުމަށް އާޒިމްވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އާޒިމް ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކަން 10 ބިލިއަން ރުފިޔާ ދާނެކަމަށް ސަރުކާރުން ބުނިނަމަވެސް، އެ މަސައްކަތަށް ހަރަދުވާނީ 5 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން، ކަނޑު ދަތުރުކޮށްގެން މާ ދުރުގައި އޮތް ތަނަކަށް ދާންޖެހޭގޮތަށް ބޮޑު ހަރަދުކޮށްގެން ތަނެއް ހެދުމުގެ ކުރިން، މާލެއާއި ގުޅިފައިވާ ތަންތަނަށް އިސްކަންދީ، ބާކީ 5 ބިލިއަނުން އެތަންތަނުގައި ފެނާއި ނަރުދަމާއާއި، ކަރަންޓާއި، މިސްކިތްތަކާއި ސްކޫލްތަކާއި މަގުތައް ހަދައިދިނުމަށް ވަނީ ގޮވާލައްވާފައެވެ.

ނޫނީ، އެތަންތަނުން ބިން ލިބުނު މީހުން ގޯތި އަޅައިގެން އެތަންތަނުގައި އުޅޭނީ ކިހިނެއްތޯ އާޒިމްވަނީ ސުވާލު އުފައްދަވާފައެވެ.

މިރޭ ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ބައެއް ބޭފުޅުންނާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ އެކި ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު ބައިވެރިވެވަޑައި ނުގެންނެވީތީ އެކަން އާޒިމް ވަނީ ކުށްވެރި ކުރައްވާފައެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ، މާލޭ ބިންވެރިންނަށް ރައީސް ދެއްވާ މެސެޖުތަކެއް ވެސް ހިއްސާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ރޯނު

27-Jan-2024

ކުރިން ބުނި އެތި ކެންސަލް.



ޓްރެންޑިން