ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ކުރީގެ ރައީސް ޔާމީން، އަބްދުލްގައްޔޫމް ޕޯޑިއަމްގައި ވާހަކަ ދެއްކެވި ބޭފުޅުންނާ ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަތުމަށް ކަރެކްޝަނުން ތަކުރާރުކޮށް އިންޒާރު ދީފައިވަނިކޮށް ރޭ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކޮށް އަރުވައި ގައުމީ އެކި މައްސަލަތަކުގައި ސުވާލު ކުރައްވާފަ އެވެ. އެ ކެންޑިޑޭޓުން އެ ސުވާލުތަކަށް ވަނީ ޖަވާބު ވެސް ދެއްވާފައެެވެ.

މި ޖަލްސާގައި ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައިވާއިރު އޭނާއަށް ވެސް ރައީސް ޔާމިން ސުވާލުތަކެއް އަމާޒު ކުރެއްވިއެވެ. އެގޮތުން ރައީސް ޔާމިން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މައްސަލައިގައި އިންޑިއާ އާއި ރާއްޖެ އިން ދައްކާ ވާހަކަތައް ދިމާ ނުވާތީ އެކަމާއި ގުޅިގެން ޖަމީލާއި ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަމީލް ވަނީ ތަފްސީލީ ޖަވާބެއް ދެއްވާފައެެވެ. ޖަމީލް، އެ ޖަވާބާއެކު ރައީސް ޔާމީން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.

ގޭ ބަންދުގައި ހުންނަވައިގެން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާތީ މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ކަރެކްޝަނުން ޔާމީނަށް އިންޒާރު ދިން ނަމަވެސް އެކަމަށް ބީރު ކަންފަތްފުޅެއް ދެއްވައި އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެންމެ ފަހުން ކަރެކްޝަނުން ބުނެފައިވާގޮތުން ޔާމީނަށް ދީފައިވާ ލުއިތައް މިހާރު އަންނަނީ ރިވިއު ކުރަމުންނެެވެ. ޔާމިނަށް ކަރެކްޝަނުން ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަތުން ނުހިމެނެއެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގައި ހުރިހާ އަޑުއެހުންތަށް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން