ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މޯލްޑިވިއަންގެ ޗާޓަރ ފްލައިޓެއްގައި މާލެ ގެނެސްފި އެވެ.

އަތޮޅުތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ރޭ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ މާޅެ ގެނައުމަށްޓަކައި ރޭ 1:30 ކަންހާއިރު މާލެއިން ޗާޓަރު ފްލައިޓެއް ފުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެ މީހާ ވަނީ އެ ފްލައިޓުގައި މާލެ ގެނެސްފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ 24 ގަޑިއިރުގެ ތެރޭގައި މޯލްޑިވިއަނުން އެމެޖެންސީގައި މީހުން އުފުލާ ތިން ވަނަ ޗާޓަރު ފްލައިޓް ކަމަށެވެ.

ގއ. ވިލިނގިލީގެ ހާލު ސީރިއަސްވި ކުޑަ ކުއްޖަކު މާލެ ގެނައުން ލަސްވެގެން ނިޔާވި ކަމަށް ބުނެ މީސްމީޑިއާގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

ސަރުކާރުން މިހާރުވަނީ ކުއްލި ހާލަތުގައި ދިިމާވާ މެޑިކަލް އެމާޖެންސީތަކަށް އިސްކަން ދިނުމަށް ހިމަނައި މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލުގެންސްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެފައިވަނީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް މަސައްކަތަކީ އެއަރ އެމްބިއުލާންސްގެ މަސައްކަތް ކަމަށެވެ. އެހެންކަމުން މިއަހަރު މާޗް އެކެއްގައި މި ހިދުމަށް ފެށިގެންދާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން