ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައިސް އަބްދުﷲ ޔާމީން--
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައިސް އަބްދުﷲ ޔާމީން--
އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މި ސަރުކާރުގެ ވަޒީރަކު ވިދާޅުވުމުން ނާއުއްމީދުވެވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އަންނަން އެންމެ ބޮޑު ވައުދަކަށްވީ ވެސް އިންޑިއާ ސިފައިން ބޭލުން ކަމަށެވެ.

ހަމަ އެހެންމެ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ނިމުމާއެކު ވެސް އިންޑިއާ ސިފައިން ބާލާނެ ކަމަށާއި އަދި އިންޑިއާ ސަރުކާރަށް އެކަން އެންގެވި ކަމަށް ވެސް ވިދާޅުވި ކަމަށް ޔާމިން ވިދާޅުވި އެވެ،

ނަމަވެސް ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތައް ކަމުނުދާ ކަން ރައީސް ޔާމީން ހާމަ ކުރެއްވި އެެވެ.

ސަރުކާރުގެ ނިންމުންތައް ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަ ކަމެއް ނޫން ކަަމަށެވެ.

"ސަރުކާރުގެ ރައީސް އޮފީހުގެ ވަޒީރަކު މިހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ނާއުންމީދުވިޔޭ. ފަސޭހަ ކަމެއް ނޫނޭ. އެއްވެސް ކަމެއް ފަސޭހައެއް ނުވެދާނެ," ޔާމީން ވިދާޅުވި އެެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަތުމަށް ކުށްވެރިން ބަލަހައްޓާ އިދާރާ، ކަރެކްޝަނުން ތަކުރާރުކޮށް އިންޒާރު ދީފައިވަނިކޮށް ރޭ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކޮށް އަރުވައި ގައުމީ އެކި މައްސަލަތަކާ ބެހޭގޮތުން ސުވާލު ކުރައްވާފަ އެވެ. އެ ކެންޑިޑޭޓުން އެ ސުވާލުތަކަށް ވަނީ ޖަވާބު ވެސް އަރުއްވާފަ އެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގައި ހުރިހާ އަޑުއެހުންތަށް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން