ބޭރު ގައުމުތަކަށް ޞަދަގާތް ކުރާއިރު ރާއްޖޭގެ ހާލަތަށް ވެސް ރިއާޔަތްކުރަން އިސްލާމިކް މިނިސްޓަރު ޑރ، މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ޑރ، ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ޞަދަޤާތާއި ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށެވެ. އެހެން ނަމަވެސް މިއީ އިންސާނީ ޚާއްޞަޙާލަތެއް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތައް އިސްތިސްނާވެގެންވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ގުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކާއި ކިތައްމެ ހެޔޮކަމަކަށް ހަރަދުކުރެވޭނެ ހާލަތު އެބައޮތް ކަމަށާއި އެތަންތަންވަނީ ނުހަނު އެހީތެރިކަމަށް ބޭނުންޖެހިފައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތަންމެ ޤުރުއާން ކުލާހެއް އެބަހުރި ހުއްޓިފަ. ކިތަންމެ އެދުރުގެއެއް އެބަހުރި ހުއްޓިފަ. ގޮނޑިއާއި އެނޫންވެސް ވަސީލަތްތައް އެތަންތަނަށް ބޭނުންވޭ.

ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ޞަދަޤާތުގެ ފައިސާ ބޭރަށް ޚަރަދު ކުރޭ. މިސްކިތްތަކަށް ނުވަތަ ފެންވަޅު ބެހެއްޓުމަށް ނުވަތަ އެނޫން ވެސް ކަންކަމަށް. އެއީ ވެސް ރަނގަޅުކަންކަން. އެހެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ހާލަތަށް ވެސް ރިއާޔަތްކުރުން ވަރަށް މުހިންމުކަން މިދަންނަވަނީ." މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ﷲގެ އިރާދަ ފުޅުން ކުރިއަށް އޮތް ތަނުގައި މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް ފަސޭހައިން ޞަދަގާތްކުރެވޭނެ ނިޒާމެއް ޤާއިމު ކުރާނެ ކަމަށެވެ. އަދި ޞަދަގާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޚަރަދުކުރުން މުހިންމުކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ކުޑަކުދިންގެ ހިޔާއާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތައް ރާއްޖޭގައި އެބަހުރި. އެތަންތަނަށް ނުހަނު އެހީތެރިކަން ބޭނުންވޭ." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން