ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ހަރުދަނާ ނިންމެވުންތަކާއި ނަންގަވާ "ސްވިފްޓް" އެކްޝަންތަކުގެ ސަބަބުން ހެޔޮ ބަދަލުތައް އަންނަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެހުންނެވި ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެހުންނެވި އާދަމް ޝަރީފް "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ރައީސް ނިންމަވާ ހަރުދަނާ ނިންމެވުންތަކާއި ނަންގަވާ "ސްވިފްޓް" އެކްޝަންތަކުގެ ސަބަބުން ހެޔޮ ބަދަލުތައް އަންނަމުންދާތަން ފެނިވަޑައިގެންނެވުމަކީ އޭނާގެ ހިތްޕުޅަށް ފިނިކަން ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ގެނައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރުމާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލު ކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް ރައީސް މުއިއްޒު ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި ބަލި ހާލަތެއް މެދުވެރިވެގެން އިތުރު ފަރުވާ ދިނުމަށް ވައިގެ މަގުން ބަލި މީހަކު ގެނެސްދޭން ޖެހޭ އެއްވެސް ހާލަތެއްގައި އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން މިހާރުވަނީ ކުއްލި ހާލަތުގައި ދިިމާވާ މެޑިކަލް އެމާޖެންސީތަކަށް އިސްކަން ދިނުމަށް ހިމަނައި މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލުގެނެސް އެއާ އެއްގޮތަށް އަމަލު ކުރަން ފަށާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން