ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފި އެވެ.

މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެމަނިކުފާނު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގަތަސް އިތުރު ސިޔާސީ ޕާޓީއަކާއި ގުޅިވަޑަައިގަތުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ކުރިން ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވަނީ ޖުމުހޫރީ ޕާޓީން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފުރުސަތުތައް ފާހަގަ ކުރައްވައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްް ޝުކުރު އަދާކުރައްވާފައެެވެ.

ފައިސަލަށް ނާއިބް ރައީސް ކަމުގެ މަގާމު ލިބިވަޑައިގަތީ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސުމަށް ފަހު ރަނިންމޭޓުގެ ސްލޮޓް ޖޭޕީއަށް ދިނުމުން އެޕާޓީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރައްވައިގެންނެވެެ.

އެމަނިކުފާނު ވެގެން ގޮސްފައިވަނީ އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ނާއިބު ރައީސަށެވެ. އެމްޑީޕީން ސިޔާސީ ހަޔާތް ފެއްޓެވި ފައިސަލް ނަސީމް ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވަނީ 16 އަހަރު އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހުއެވެ.

2008 ވަނަ އަހަރު ފަހުކޮޅު ޖޭޕީ އާއި ގުޅިވަޑައިގެންނެވި ފައިސަލް ނަސީމް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި އަށް ހޮވިވަޑައިގަތީ ޖުމުހޫރީ ޕާޓީގެ ޓިކެޓުގައެވެ. ފުވައްމުލަކަށް އުފަންވެވަޑައިގެންނެވި ފައިސަލް ނަސީމް ކާށިދޫ ދާއިރާގެ މެމްބަރު ކަމުން ވަކިވެވަޑައިގަތީ 2018 ވަނަ އަހަރު ނާއިބް ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން