މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ ބިންގާ އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިހާރު ކުރިއަށްދަނީ އަރަބިއްޔާ ސްކޫލު ކުރެހުމުގެ މަސައްކަތް ކަމަށެވެ.

އަދި މިހާރު ކަންކަން ކުރިއަށްދާ ބާރު މިނުގައި ދާނަމަ އަރަބިއްޔާގެ އާ އިމާރާތުގެ ބިންގާ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އެޅޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން 2021 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ބޭނުން ކުރަމުން ދިޔައީ ޗާންދަނީ މަގުގައި ހުރި އެ ސްކޫލްގެ އިމާރާތެވެ. ނަމަވެސް އެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި ރައްކާތެރި ތަނަކަށް ނުވާތީ އެ ސްކޫލުގެ ދަރިވަރުން ކުރިން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތް ނުވަތަ އެމްޓިސީސީ ސޯމިލްއަށް ބަދަލުކުރި އެވެ.

އަދި އޭގެ ފަހުން މިދިޔަ އަހަރު ވަނީ އަރަބިއްޔާގެ ކިޔެވުން ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަލުކޮށްފަ އެެވެ.

ބާޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އާ އިމާރާތެއް 420 ދުވަސް ތެރޭގައި އަޅަން 2022 ވަަނަ އަހަރު ސެޕްޓެމްބަރު މަހު އަމީން ކޮންސްޓްރަކްްޝަންއާ ހަވާލުވެސް ކުރި އެވެ. ނަމަވެސް އެ މަސައްކަތެއް އެއްވެސް ވަރަަކަށް ކުރިއަކަށް ނުދެއެވެ.

އޭގެ ފަހުން މި ސަރުކާރުން ވެރިކަމަށް އައިސް ނިންމާފައި ވަނީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށީގައި އަރަބިއްޔާގެ އާ އިމާރާތް އަޅާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން