އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އެޅުމަށް ކަނޑައެޅިފައިވާ ބްރިޖް އެޅުމުގެ ޝައުގުވެރިކަން މިސްރުގެ ކުންފުންޏަކުން ފާޅުކޮށްފި ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކުރީ އެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އައްޑޫ ބްރިޖްގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން ކަމަށެވެ. މި ޕްރޮޕޯސަލާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން އައްޑޫ ބްރިޖް ތަރައްގީކުރާނީ ހިލޭ ސާބަހަށް ކަމުގެ އިޝާރާތެއް ދެއްވާފައި ވާކަމަށެވެ. އެކަން އެގޮތަށް މަގުފަހިވާ ނަމަ، އިކޮނޮމިކް ކައުންސިލުން އެ ޕްރޮޕޯޒަލްގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އައްޑޫގައި މީހުން ދިިރިއުޅޭ ހުރިހާ ރަށްތައް ބްރިޖުން ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ފީޒިބިލިޓީ އާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށްވެސް ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

މި ބްރިޖް އެޅުމަށްޓަކައި ހަދަން ޖެހޭ ސާވޭއަށް ބޭނުންވާ 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓްގައިވެސް ހިމަނާފައި ވެއެވެ. މި ބްރިޖް ނިންމުމާއެކު، އައްޑޫ ބްރިޖް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި އެޅޭނެ އެންމެ ބޮޑު ބްރިޖަށެވެ.

ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގަތް ވައުދެކެވެ. މި މަޝްރޫޢުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށުމަށް މި ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން