ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދޮށީ މީހުންގެ އާބާދީ ދެނެގަތުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް މިއަދު ވިދާޅުވީ ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ކަރުދާހަކާ ބެހޭގޮތުން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއިން މުޅި ރާއްޖޭގައި ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. މީގެއިތުރުން މިހާތަނަށް ލިބިފައިވާ މައުލޫމާތާއި، އެމައުލޫމާތުގެ ތެރެއަށް ސާވޭގެ ސަބަބުން އިތުރުވާ ބައިތައް ދެނަގަނެ ގައުމީ ޑާޓާބޭސްއެއް ނުވަތަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވެފައި ވެއެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލަވާލާ ޓެކްނިިކަލް ޓީމުގައި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެން އިދާރާތަކުގެ ބޭފުޅުންވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް އާބާދިގައި 1000އަށް ވުރެ މަދު އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރައްތަކުގައި މަސައްކަތް ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލުންކަމަށްވެސް ނާޒިމް ވިދާޅުވެފައިވެ އެވެ. ނަމަވެސް އާބާދީ ބޮޑު ރައްތަކުގައި ވޮލެންޓިއަރުންގެ އެހީއާއެކު ސާވޭ ކުރިއަށްގެންދިއުމުގެ އުސޫލެއްވެސް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ސާވޭއިިން ލިބޭ މައުލޫމާތުގެ އެހީގައި އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ އެހީތެރިކަން ދެނެގަނެވި، އެހީތެރިކަން ދިނުމަށް ފުރަތަމަ މަރުހަލާގައި މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިިލީ ޑިވެލޮޕްމެންޓުން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ދޮށީ އުމުރުގެ މީހުންނާއި އަދި ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވެފައިިވާ ފަރާތްތަކަކީ މުޖްތަމައެއްގައި ވަރަށް މުހިންމު ބައެއް ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މުޖުތަމައެއް ތަރައްގީވެ ކުރިއަރައިދިއުމަށް އެ މުޖްތަމައެއްގައި މިފަރާތްތަކުން ބައިވެރިކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން