ވިއްސާރަ މޫސުމުގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ދިމާވާ މައްސަލަތައް ހައްލު ކުރުމަށާއި އެނޫންވެސް ބައެއް ކަންކަން ބަލާ ފިޔަވަޅު އެޅުމަށް ސަރުކާރުން ހާއްސަ ކޮމެޓީއެއް އުފައްދައިފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އާންމު ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އަދި އެނޫންވެސް ބައެއް އިޖުތިމާއީ ކަންކަމަށް ހައްލު ހޯދުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލެވިފައިވާ ކަމަށެވެ.

އެގޮތުން، ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވާ މައްސަލައާއި، އެގޮތަށް ފެންބޮޑުވުމާއި ގުޅިގެން ގޯތިގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މައްސަލައާއި މީހުން ދިރިއުޅުމަށް އެކަށީގެންނުވާ ނުރައްކާވާފަދަ ތަންތަނުގައި މީހުން ދިރިއުޅެމުންދާނަމަ އެ މައްސަލަ ހައްލު ކުރާނެ ގޮތްތަކެއް ހޯދުން މި ކޮމެޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ކޮމެޓީގައި ސަރުކާރުގެ މުހިންމު އިދާރާތަކެއްގެ މަންދޫބުން ހިމެނޭނެއެވެ. އެގޮތުން، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް މިނިސްޓްރީ، ހައުސިންގ މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންސް އެންޑް އިންފްރާސްޓްރަކްޗަރއާއި ލޯކަލް ގަވަރނަންސް މިނިސްޓްރީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނެޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިތުރުން ރައީސް އޮފީސް ވެސް މި ކޮމެޓީގައި ޝާމިލުވާނެކަމަށް މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކޯޑު

27-Jan-2024

މި ސަރުކާރު މިހާރު މުޅިން މިކިޔަނީ ކުރަނީ, އަންނަނީ,, ބަލަނީ. ދަނީ. ކުރާނަން, ބުނާނަން, ބަލާނަން, ވާކަމެއް ހަރާމް. ދެން ކޮމިޓީ އުފެއްދުން. މުއައްއސަސާ ތައް އުފެެއްދުން. އަދި ކިތައް މީހުންނަށް ވަޒީފާ ދޭން އެބައޮތްތޯ.



ޓްރެންޑިން