ޕާޓީގައި ފިތުނަ އުފައްދާ ބައިބައިކުރަން މަސައްކަތްކުރިކަމަށް ނިންމައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް ނުދޭން އެ ޕާޓީން ނިންމައިފިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމާ ޓިކެޓަށް އެދުނު ބައެއް ފަރާތްތަކުގެ ތެރެއިން، ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އެޕާޓީން ނިންމާފައިވާ ލ. މާވަށު ދާއިރާއަށް ކުރިމަތިލެއްވި މޫސާ ފައިސަލަށް ޕީއެންސީގެ ރައީސް އަބްދުރަހީމް ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އޭނާއަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ނުދިނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތަކާއި އިދިކޮޅު އޮއިވަރުގައި ޖެހި އެ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތްކޮށް ޕާޓީ ތެރޭގައި ބައިބައިވުން އުފެއްދުމަށް އެ މެމްބަރުން މަސައްކަތް ކޮށްފައިވާކަމަށްވެސް އަބްދުއްރަހީމްގެ ސިޓީގައި ވެއެވެ. އެހެންކަމުން، ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ޕްރައިމަރީގައި ވާދަކުރުމަށް އޭނާ ޝަރުތު ހަމަނުވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޅ. ނައިފަރު ދާއިރާއަށް ކުރިމަތިލެއްވި ޙުސެއިން ޢަރްބާން ފައްވާޒަށް ވެސް ޕީއެންސީގެ ޓިކެޓްގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވާއިރު އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާގެ ޝަރުތު ހަމަނުވަނީ، އޭނާ އެޕާޓީއަށް އެކަށީގެންވާ މިންވަރަށް ހިދުމަތްކޮށްފައި ނުވާތީ ކަމަށެވެ.

ޕީއެންސީން މިކަމުގައި އަދި ބަހެއް ބުނެފައި ނުވިނަމަވެސް، އެ ޕާޓީން އާންމު މެންބަރުންނަށް ފޮނުވި މި ސިޓީތަކުން ބައެއް ސިޓީތައް މީސްމީޑިއާގައިވަނީ އާންމުވެފައެވެ. އެ ސިޓީތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ، ޑިމޮކްރަސީގެ ރީތި އުސޫލު ޕީއެންސީގައި ނެތްކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުން އުފެދި ރައީސް ޔާމިން ޕީޕީއެމް/ ޕީއެންސީއާއި ދުރަށް ވަޑައިގެން ހިސާބުން އެމަނިކުފާނަށް ތާއީދުކުރާ އެދެޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ޕާޓީގެ ހަރަކާތްތަކާއި ފެއަށް ޖެހިލާފައެވެ. އެގޮތުން އެފަދަ ބައެއް މެންބަރުން ޕީޕީއެމް/ ޕީއެންސީގެ ޓިކެޓްގައި ވާދަކޮށް ގޮނޑި ލިބުމުން އެޕާޓީ ދޫކޮށް ރައީސް ޔާމީނު އުފައްދަވާ ޕާޓީއާއި ގުޅޭނެ ކަމަށް އެޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން