މެޑިކަލް އެމަޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެދަށުން، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ފުރިހަމަ އިސްކަމެއްދީ، މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށްދާ ފަރާތްތަކަށް، ހިނދުން ހިނދަށް ހިދުމަތް ފޯރުކޮށްދިނުމަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.

އޭގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވިދާޅުވެފައިވާފަދައިން، އުމުރުން ދުވަސްވީ ފަރާތްތަކާއި، އޮންލައިން ފޯމް ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި ޕާސްޕޯޓަށް އެދެވޭ އެހެންމަގެއް ހޯދައިދިނުމަށް، މިއަދުން ފެށިގެން، މެޑިކަލް އެމަޖެންސީގައި ރާއްޖޭން ބޭރަށްދާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ މީހުންނަށް، އެފަރާތަކުން ބޭނުންވާނަމަ އިމިގްރޭޝަނަށް ގޮސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ، މެޑިކަލް އެމަޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބޭނެކަމަށެވެ. އެގޮތުން، އިމގްރޭޝަނަށް ދިޔުމުން، ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ ކަމަށާއި، އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް އެ ހިދުމަތް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މިފަދަ ނިންމުމެއް ސަރުކާރުން ނިންމާ އެކަން ފަހިކޮށްދީފައިވާއިރު، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް، ޒަމާނުއްސުރެ ދަތިކޮށްހުރި ބައެއްކަންކަން މި ސަރުކާރުން ދަނީ ފަސޭހަ ނިޒާމަކަށް ބަދަލު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން