މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުމުގެ މަސައްކަތް އިސްކަމެއްދީގެން ބާރަށް ކުރިއަށްގެންދަން ޖެހޭކަމަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިތުރަށް ހޯދަންޖެހޭ ފައިނޭންސް ހޯދުމަށް ބާރުއަޅައި މަސައްކަތް ކޮށްދެއްވުމަށް "ގްރޫޕް އޮފް 77 އެންޑް ޗައިނާ"ގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

"ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ޔުގަންޑާގައި މިހާރު ކުރިއަށްދާ ތިންވަނަ ސައުތް ސަމިޓްގައި ރާއްޖޭގެ ފަރާތުން މިއަދުވަނީ ނާއިބު ރައީސް ތަގުރީރު ކުރައްވާފައެވެ.

މޫސުމީކަންކަމަށް ފައިނޭންސް ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމަށް ވަކާލާތު ކުރައްވައިމި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، މި ފަނޑުން އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ގައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް އެކަނި ބެލުމުގެ ބަދަލުގައި، ފަންޑުން އެހީ ލިބޭ އުސޫލުތައް ވީހާވެސް ފަސޭހަ ކުރުމުގެ ބޭނުންތެރިކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި އެ ޖަމާއަތުން އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މައިދާނުގައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ނައިބުރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ފައިނޭންސް އިތުރުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ. އަދި 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި 'ލޮސް އެންޑް ޑެމޭޖް ފަންޑު' އަމަލީ ގޮތުން ހިންގުމުގައި މި ގްރޫޕްގެ އެއްބައިވަންތަކަން މުހިންމު ދައުރެއް އަދާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ފަންޑުގެ ބޭނުން އެންމެބޮޑަށް ޖެހިފައިވާ ގައުމުތަކަށް ފަންޑުގެ އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ތަރައްގީ ވެފައިވާ ގައުމުތަކުން މި ފަންޑަށް ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ނައިބުރައީސްގެ ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އުދުވާންތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން ތަކުރާރު ކުރެއްވިއެވެ.

އަދި މި މައްސަލައަށް ބައިނަލްއަގުވާމީ މުޖުތަމައުން ހައްލެއް ހޯދެންދެން ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރުމުގައި ދެމިއޮންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބުރައީސް ޔުގަންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އެ ގައުމުގެ ކަމްޕާލާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން