ރާއްޖޭގައި ބިދޭސީން ހިންގާ އެކިކަހަލަ ވިޔަފާރިތަކާގުޅޭ މައުލޫމާތު ސާފުކޮށް އެފަދަ ތަންތަނާމެދު ފިޔަވަޅު އެޅުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންދާކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިތައް ބިދޭސީން ޑޮމިނޭޓްކޮށްގެން ކުރަމުން ގެންދާކަމަށެވެ. އަދި އެފަދަ ކަންކަން ބަލާ މޮނިޓަރ ނުކުރެވި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށާއި، އެހެންކަމުން އެކަމަށް އެ މިނިސްޓްރީން އިސްވެ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ، އެފަދަ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އެގޮތުން، ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކުގައި، ބިދޭސީންގެ ބެލުމުގެ ދަށުގައި ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ވިޔަފާރިތައް ހިންގާ ފަރާތްތައް ހޯދުމަށް ރެއިޑް ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެފަދަ ތަންތަނުގެ މައުލޫމާތު އެއްކޮށް، ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ނޫންގޮތަކަށް އެކަން ކުރާނަމަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނާމެދު ވަގުތުން ވަގުތަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ކުދި ވިޔަފާރިވެރިން ވެސް، މިދެންނެވި ބޭރުމީހުން ޑޮމިނޭޓް މި ކުރަމުން އަންނަ އިންޑަސްޓްރީތައް، ވިޔަފާރިތައް ވެސް އެފަދަ ގޮތަކަށް ދާނެ ފުރުސަތު އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިން ނުދިނުން. މިގޮތަށް ދޫކޮށްލީމަ ހާއްސަކޮށް ދިވެހީންނަށް ރާއްޖޭގައި ޑޮލަރު ބެހެއްޓުމާ ދިވެހީންނަށް ވަޒީފާގެ ފުރުސަތު ހޯދުމާ، މި ކަންކަމަށް ވަރަށްބޮޑު ބުރޫއެއް އެބައަރާ." އިހުސާން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އިހުސާންވަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުތަކުގެ ތެރެއަށް ފެއްތުމަށް މި ސަރުކާރުންވެސް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އައްޓަމަސް

27-Jan-2024

މީ ކޮންމެހެން އިއުލާނުކޮށް އަންގަން ޖެހޭ ކަމެއްތަ? ބަސްމަދުކޮށް އަމަލު ގިނަކޮއްބަލަ


5

ޙަބީބު

27-Jan-2024

މާލޭގަ ހުރި ބައެއް ސެލޫންތަކަކީ ބިދޭސީން ހިންގާ ތަންތަން ދިވެއްސެއްގެ ނަމުގަ އޮންނަނީ ވީމާ އެފަދަތަންތާ ތިބި ބިދޭސީމީހާގެ ފޯނު އަތުލުމައްފަހު ޗެކުކުރަންޖެހޭ އޭރުން އެކަން ސާފުވާނެ



ޓްރެންޑިން