ފޮޓޯ: ޔޫއެންއެފްޕީއޭ މޯލްޑިވްސް
ފޮޓޯ: ޔޫއެންއެފްޕީއޭ މޯލްޑިވްސް
އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސޯޝަލް ޝަރވިސް ކޯޑިނޭޓަރ އަބްދުﷲ އަޝްރަފް ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތައް ގާއިމުކުރެވޭނީ އެފަދަ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްފަސޭހަ މާހައުލެއް ލިބޭނެ ގޮތަށް ކަމަށެވެ. އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަަމައުއަށް ނުހަނު މުހިންމު ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، ސަރުކާރުން ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަަޒު އަންނަ މަހުގައި ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ މަރުކަޒު މި ޤާއިމްވެގެންދަނީ މާލެ ސިޓީގައި. މާލޭސިޓީގައި މި މަރުކަޒު ޤާއިމް މިކުރެވެނީ ކުރީގެ ޤުރުއާނާއި ބެހޭ މަރުކަޒުގައި. މި މަރުކަޒު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ މިއަންނަ މަހުގެ ތެރޭގައި ހުޅުވޭނެކަމަށް." އަޝްރަފް ވިދާޅުވިއެވެ.

އިސްރަށްވެހިންގެ މަރުކަޒުތަކަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އެމީހުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމުގައި މި ސަރުކާރުން އުފައްދަން ކަނޑައެޅީ މަރުކަޒުތަކެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 މަގުޗާޓްގައި ހިމެނޭ ވައުދެކެވެ. މި މަރުކަޒުތަކުން އެފަރާތްތަކަށް ބޭނުންވާ އެހެނިހެން ބޭނުންތައްވެސް ފޯރުކޮށްދޭނެ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

މީގެ އިތުރަށްވެސް، ކުރިއަށް އޮތް ތަނުގައި ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ފަރުވާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުޅާ ކުރައްވާނެ ކަމަށްވެސް އަޝްރަފް ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން