ފެންބޮޑުވުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ރަށްރަށުގެ ހުރަހަށް މަގުތައް ކަޗޯރުކުރުން ކަމަށް މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ފާއިތުވި ހަފްތާތަކުގައި ރާއްޖެއަށް ކުރަމުންދިޔަ ވަރުގަދަ ވިއްސާރައާއެކު ފެންބޮޑުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ހާއްސަކޮށް އެންމެ ބޮޑަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވީ ވެރިރަށް، މާލެ އަށެވެ.

އެހެންވެ އެ މައްސަލަ ހައްލުކުރާނެ ގޮތާ ގުޅޭ ގޮތުން ޑރ. ހަސަން ހަމީދު ވަނީ އޭނާގެ ބްލޮގުގައި މުހިންމު ލިއުމެއް ޝާއިއު ކުރައްވައިފަ އެވެ.

ހަސަން ހަމީދު ވިދާޅުވީ ތަހުޒީބު ޤައުމުތަކުގައި އެއްވެސް މަގެއް ހަދާފައި އޮންނަނީ މަތި ހަމަކޮށެއް ނޫން ކަމަށެވެ. މަގުތައް ހަދާފައި ހުންނަނީ ދެ އަރިމައްޗަށް ފެން ފަހިވާގޮތަށް، ކަޗޯރުކޮށް ޖަމަށް އޭނާ ވިދާޅުވިއެވެ. އަދި މަތިންދާބޯޓު ޖައްސާ ރަންވޭތައް ވެސް ހަދާފައި ހުންނަނީ ވެހޭ ވާރޭ، ރަންވޭގެ ދެ ފަރާތު ކާނަށް ފައިބައިގެން ދާނޭ ގޮތަށް ކަމަށް ހަސަން ވުދާޅުވެފައި ވެއެވެ.

އެހެންވެ ރާއްޖޭގެ ރަށްތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ދާއިމީ ހައްލަކީ، ރަށުގެ ހުރަހަށް މަގުތައް ކަޗޯރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގު ކަޗޯރުކުރާނީ، މަދުވެގެން 4000 ފޫޓުން އެއް ފޫޓަށް ފެން ފަހިވާ ގޮތަށެވެ. މިއަށް ވުރެ ކަތި ބޮޑުކުރެވޭނަމަ، އެ މިންވަރަކަށެވެ." ހަސަން ހަމީދު ވިދާޅުވި އެވެ.

މާލޭގެ އަމީނީ މަގުގައި ފެންބޮޑުވާތީ އެކަން ހައްލުކުރަން ކުރާ މަސައްކަތަށް ވެސް ހަސަން ހަމީދުގެ ލިއުމުގައި އަލި އަޅުވާލައްވާފައި ވެއެވެ.

އޭނާ ވިދާޅުވީ މާލޭގެ ވަށައިގެން އޮންނަ ބުރު މަގު އަމީނީ މަގަށް ވުރެ އުސްވީމާ، އަމީނީ މަގުން ފެން ހިނދޭގޮތެއް އަދި ފަޅަށް ދާގޮތެއް ވެސް ނުވާ ކަމަށެވެ.

"އަދި މައްސަލަ ހައްލުކުރަން، އެކަން ފަރުމާކުރި މީހުން ކަން ކޮށްފައިވާ ގޮތަކީ، އެމަގުގެ ކާނުތަކަށް އެޅޭ ފެން، 10 ވަރަކަށް ފޫޓު ފުޅާ ބޮޑު ވަޅަކަށް ހޮޅިން ޖަމާކުރަނީއެވެ. އެއަށް ފަހު، އެ ބޮޑު ވަޅުން މޫދަށް ފެން ޕަންޕުކުރަނީ އެވެ." ހަސަން ހަމީދު ވިދާޅުވި އެވެ.

ނަމަވެސް ހަސަން ހަމީދުގެ ނަޒަރުގައި މިއީ އިންތިހާއަށް އަގުބޮޑު ގޮތްތަކެވެ. އަދި އެތައް އެއްޗެއް އޭގެ ސަބަބުން ހަލާކުވެސް ވެގެންދާނެ އެެވެ. ހަމަ އެހެންމެ މަރާމާތު ކުރުމާއި ބެލެހެއްޓުން ބޮޑު، އެކަން ދެމެހެއްޓެނިވި ގޮތަކަށް އަގުހެޔޮކޮށް ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން