ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ނެތް ކުލުނެއް ރައްޔިތުންނަށް ބަހައްޓަވާފާނެ ކަމާއި ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ސުވާލު އުފައްދަވައިފިއެވެ.

ރޭ އެމްޑީޕީއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު ކެމްޕެއިން ކުރެއްވިއިރުވެސް ރަނިންގ މޭޓްގެ ފޮޓޯފުޅާއިއެކު ޔާމީންގެ ފޮޓޯ ފުޅުވެސް ބޮޑުކޮށް ޖައްސަވާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވެސް ވެރިކަމަށް ވަޑައިގެން ޔާމީން މިނިވަން ކުރުމުގެ ވައުދުފުޅު މަތިން ހަނދާން ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، ރައްޔިތުންނަށް ވެވަޑައިގަތް އެ ވައުުދުފުޅު ނުފުއްދަވާ ބޭފުޅެއްގެ އިޚުލާސްތެރިކަމާއި ދޭތެރޭ ޒިޔާދު ވަނީ ސުވާލު އުފައްދަވާފައެވެ.

"ކެމްޕެއިން ޕޯސްޓަރ (ރައީސް މުޢިއްޒުގެ) ފެނުނީމަ އަޅުގަނޑުވެސް ހިތަށްއެރި ދެ ރަނިންގ މޭޓުން ލައިގެން (އިންތިޚާބެއްގައި) ނިކުންނަ ފުރަތަމަ ފަހަރޭ މިއީ. ތިން ބޭފުޅުންގެ ފޮޓޯ ޖައްސަވައިގެން އެ ވައުދު (ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދު) ދިޔައީ ދިޔަތާކަށް. އަދިވެސް ޔާމީން މިނިވަން ނުވޭ." ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ޒިޔާދު ވަނީ މި ސަރުކާރުން އަމަލުކުރި ބައެއް ކަންކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، މި ނޫނީ މިނިސްޓަރުންގެ ފެންވަރަށް މުސާރަ ދެއްވަމުންދާ މުދިމުންނާއި ކުންފުނިތަކުގެ އެމްޑީން ތިއްބެވި ސަރުކާރެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ. އަދި ދާދި ފަހުން އައްޑޫއިން މޫދަށް އެރި އުޅެނިކޮށް ދަރިވަރަކު ގެއްލުނުއިރުގައާއި ގއ. ވިލިނގިލީގައި ތައުލީމު ހާސިލުކުރި ދަރިވަރެއްގެ ޚާލު ދެރަވެ މާލެ ގެނައުމުގައި އިންޑިއާގެ ޑޯނިއަރ ބޭނުންނުކުރުމުން އެނގިގެންދަނީ ސަރުކާރުގެ އީގޯ ބޮޑުވުން ކަމަށްވެސް ފިއްޓެ ވިދާޅުވިއެވެ.

"އެމްޑީޕީ ސަރުކާރުގައިވެސް އިހުމާލުން ކަންކަން ވެފައިއެބަހުރި. ގަބޫލުކުރަން އަޅުގަނޑު. އެކަމަކު އޭގެ މާނައަކީ އެކަމަކީ އަނެއް ސަރުކާރަށް އިހުމާލުވާން ލައިސެންސް ލިބުމެއް ނޫން އެކަން ކުރާކަށް. އަޅުގަނޑު (ވިލިނގިލިން ނިޔާވި ކުއްޖާގެ ފަރުވާ ލަސްވުމާއި ގުޅޭގޮތުން) ސަރުކާރުން ނެރުނު ތިން ހަތަރު ބަޔާނެއް އެއް ތަނެއްގައި ހުރެގެން ކިޔާލިން. އަޅުގަނޑު ބޮލަށް ވަނީ ތަންކޮޅެއް ކުރީގެ ލަވަ މުބާރާތުގެ ލަވައެެއް. ހުރިހާ ބަޔާނެއްގައިވެސް 'މަށެއް ނޫން'. އެލްޖޭއޭ ބުނީ މަށެއް ނޫން. ޑިފެންސް މިނިސްޓަރ ބުނީ މަށެއް ނޫން، ރައީސުލްޖުމްހޫރިއްޔާ ބުނީ މަށެއް ނޫނޭ. މޯލްޑިވިއަނުން ބުނީ މަށެއް ނޫނޭ. ނިމުނުއިރުގައި ގޯސްވީ މޯލްޑިވިއަންގެ ފުރޮޅެއް!" ޒިޔާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން