ކުރިއަށް އޮންނަ މަޖިލީސް އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ސުންގަޑި ހަމަވީއިރު ޖުމްލަ 746 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ (އީސީ) އިން ހާމަކޮށްފިއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އިއްޔެ މެންދުރުފަހު 03:00 ޖެހިއިރު މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި ހަމަވީއިރު، އިއްޔެ އެކަނިވެސް 330 ޝަކުވާ ލިބިފައިވާ ކަމަށް އީސީން ހާމަކުރިއެވެ. އީސީން ބުނީ އެކޮމިޝަނަށް މިހާތަނަށް ލިބުނު ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައީ އެޑްރެސް ބަދަލުވެގެން ލިބުނު ޝަކުވާތައް ކަމަށެވެ. އީސީން ބުނީ އެޑްރެސް ބަދަލުވެގެން 450 ޝަކުވާ ހުށަހަޅާފައިވާއިރު ވޯޓުލާން ޖެހޭ ދާއިރާ ބަދަލުވެގެން 40 ޝަކުވާ ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮވެގެން 225 ޝަކުވާ ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރިއެވެ. އަދި ވޯޓާސް ލިސްޓުގައި ނަން ނެތިގެން 5 ޝަކުވާ އަދި އައިޑީކާޑުގެ މަޢުލޫމާތު ބަދަލުވެގެން 1 ޝަކުވާ ލިބިފައިވާ ކަމަށް އީސީން މަޢުލޫމާތުދީފައި ވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި މަޖިލީހުގެ ދާއިރާތައް ވަނީ އިތުރުކުރެވިފައެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން