މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މާލޭގެ މޭޔަރ އާދަމް އާޒިމް އެމަނިކުފާނުގެ މަގާމުގެ ހުވާ ކުރައްވާ މަގާމާއި ހަވާލުވެވަޑައިގެންފިއެވެ.

އާޒިމް މަގާމުގެ ހުވާކުރައްވާ އިގުރާރުގައި ސޮއި ކުރެއްވީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ދަރުބާރުގައެވެ. މި ދަރުބާރުގައި އާޒިމްއަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްޢުސްތާޛް މަހާޒު އަލީ ޒާހިރެވެ.

އާދަމް އާޒިމް މި މަގާމަށް އިންތިހާބުވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަގާމުން ވަކިވެވަޑައިގެންނެވުމާއި ގުޅިގެން މޭޔަރުކަމުގެ ގޮނޑި ހުސްވުމާއި ގުޅިގެނެވެ.

އާޒިމް އިންތިހާބުވީ 5600 އަށްވުރެ ގިނަ ވޯޓުންނެވެ. އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޢާއިޝަތު އާޒިމާ ޝުކޫރަށް ލިބިވަޑައިގަތީ 3500 އެއްހައި ވޯޓެވެ.

މި ޖަލްސާގައިވަނީ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް އިންތިހާބުވި އިތުރު ކައުންސިލަރުން ވެސް މަގާމުގެ ހުވާކުރައްވާފައެވެ. އެއީ، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އައިމިނަތު އަހުމަދު ރިޝްފާ (ޕީއެންސީ)، މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިލުވާން ރަޝީދު (ޕީއެންސީ)، އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޒާމު (ޕީއެންސީ) އެވެ.

މި ބޭފުޅުން ވެސް ވަނީ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، މަގާމުގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.

އެ ގޮނޑިތަކަކީ ވެސް އަލަށް އުފެދުނު ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގެންނެވުމަށް ކައުންސިލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން