ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމުގެ މަސައްކަތުގައި ރައީސް ކޮށްދެއްވި މަސައްކަތްތަކުން، އެމަނިކުފާނު ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންކަން ހޯއްދަވައިފިކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، މާލޭ ސިޓީގެ އާ މޭޔަރާއި ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް މިރޭ ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކައުންސިލްތަކަށް އެކަމުގެ ހެޔޮ ބަދަލު އަންނަމުންދާކަމަށެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގައިވަނީ، ކައުންސިލްތަކުން މާލީ ތަނަވަސްކަން އިތުރުކުރުމަށް އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްތައް ވެސް ކައުންސިލްތަކަށް ހޯދޭގޮތަށް ނިންމަވާފައި ކަމަށާއި އެއީ ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނަވައިގެން އިދިކޮޅު ސަރުކާރަކާއެކު މަސައްކަތް ކުރައްވާ ބޮޑެތި ނަތީޖާތަކެއް ހާސިލު ކޮށްދެއްވާފައިވާތީ އެއީވެސް އެމަނިކުފާނު ލާމަރުކަޒީ ނިޒާމުގައި ދެއްކެވި ނަމޫނާއެއްކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ވަނީ ކައުންސިލްތަކަށް ބާރުވެރިކަން ދެއްވުމަށް ފުރިހަމަ މާނައިގައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން، މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ ފައިސާ ރަށްރަށަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށާއި އޭގެ އިތުރުން އަތޮޅުތައް ތަރައްގީ ކުރުމަށް އެކުލަވާލާ މާސްޓަރ ޕްލޭންގެ ދަށުންވެސް ކައުންސިލްތައް ބާރުވެރިވާނެގޮތްތައް ފަހިވެގެން ދާނެކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން