އިންޑިޔާ އިން ރާއްޖެ އަށް ދިން 85 މިލިއަން ރުފިޔާގެ އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިޔާ އިން ރާއްޖެ އަށް ދިން 85 މިލިއަން ރުފިޔާގެ އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ރަމްޒީކޮށް މިއަދު ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި 85 މިލިއަން ރުފިޔާގެ އެހީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 9 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ގޭދޮށު މަސްފެކްޓަރީ ގާއިމްކުރެވިގެން ދިޔުމުން މަހަށް ރަނގަޅު އަގެއް ލިބި މަސް ގަންނަ އަދަދާއި މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުވެ ސަރަހައްދުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަން ފާހަގަކުރެއްވިއެވެ. ޓޫރިޒަމް ޒޯންތަކުގެ ސަބަބުން ޕްރައިވެޓް އިންވެސްޓްމެންޓްތައް އިތުރުވެ އައްޑޫގެ ސިނާއީ ތަރައްގީއަށް ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު މި ޕްރޮޖެކްޓްތަކަކީ ކުޑަ ޕްރޮޖެކްޓްތަކަކަށްވުން އެކަށީގެންވާ ކަމަށާއި، އެކަމަކު މިއަކީ އޭގެ ރަނގަޅު އަސަރުކުރާނެ ޕްރޮޖެކްޓްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި 9 ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސް ފެކްޓްރީ ޤާއިމްކުރުމުގެ މަޝްރޫޢާއި، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ އިތުރުން ހއ ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްތައް ހިންގުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ އަދި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރުންނާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން