މާލޭ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ތިލަފަޅުން ގޯތި ދިނުން އަވަސްކޮށް، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނަށާއި މާލޭ ދަފުތަރު މީހުންނަށް އުތުރުތިލަފަޅުން ގޯތި ދޭން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށް ފަހު ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ހުޅުމާލެއާއި ގުޅިފަޅު އަދި ތިލަފަޅުން ދިން ގޯތިތައް ހަވާލު ކުރުން އަވަސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނަށާއި މާލޭ ދަފުތަރު މީހުންނަށް އުތުރުތިލަފަޅުން ގޯތިދިނުމަށް އާޒިމް ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ މާލޭ ރައްޔިތުން ބޭނުން ވަނީ ބުރިޖަކުން ގުޅިފައިވާ ސަރަހައްދަކުން ބޯހިޔާވަހިކަން ލިބުމަށް ކަމަށެވެ. އަދި ދަފްތަރު ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭތާ ގިނަ އަހަރުވީ މީހުންނަށް އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ ވެސް އޭރުން ކަމަށާއި މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން އޮތްމަގަކީ އެއީ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާ މޭޔަރު އާޒިމް ވިދާޅުވީ މާލެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެެވެ. އެގޮތުން އެފަދަ ކަންކަމުގައި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ސަރުކާރާއި މުވައްސަސާތަކުގެ އެއްބާރުލުން ކައުންސިލަށް ދެެއްވުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ކަން ވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގެ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވަނީ ބްރިޖަކުން ގުޅާލެވިފައިވާ ސަރަހައްދަކުން ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާއިރު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭނީ، ގުޅިފައިވާ ރަށްތަކުގައި ކަމަށެވެ.

ރައީސް މުޢިއްޒު ރޭ ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީއާ ގުޅުވާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލުން ކަން ވެސް އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން