ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ، ރައްޔިތުން މަގުމަތިވާނެ ކަމެއް ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި އާދަމް އާޒިމާއި ތިން ކައުންސިލަރުން ހުވާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މުހިންުމު މައްސަލަތައް ހައްލުކޮށްދެއްވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްގެން ކަމަށެވެ.

ހަމަ އެހެންމެ ކައުންސިލް ވާން ވާނީ ސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި އެހީތެރިވާ، މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ، ރައްޔިތުންނާއި ސަރުކާރާ، ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ، ވަރަށް ޒިންމާދާރު ބޮޑީއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މާލޭސިޓީ ކައުންސިލާއި އަދި އެހެން ކައުންސިލްތަކުން ވެސް އެ ޒިންމާ އަދާ ކުރައްވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ވަރަށްބޮޑު އަމާނާތެއް. އަޅުގަނޑު ފަށަމުން ދެންނެވި ގޮތަށް، އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. މިއަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ، ރައްޔިތުން މަގުމަތިވާނެ ކަމެއް. އެ ފުރުޞަތެއް އަޅުގަނޑެއް ނުދޭނަން. ރައްޔިތުންނަށް ބޭނުންވަނީ، އުފާފާގަތިކަން ގެނެސްދޭން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރީ އެ ޒިންމާ." ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާއި މަންދޫބުންނާ އެކީގައި، ރެޔާއި ދުވާލު ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރަން ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި އެކަމުގައި އެންމެ ތަންކޮޅެއްވެސް ފަރުވާކުޑަ ނުކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން