އެމްޑީޕީ ސަރުކާރުގައި ނެރުނު "އިންޑިއާ އައުޓް"އާއި ބެހޭ ގަރާރު މި ސަރުކާރުން ބާތިލު ނުކުރާތީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެކަމާއި ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި އެކި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުގެ ތެރޭގައި ޔާމީން ވިދާޅުވީ މި ސަރުކާރުން އިންޑިއާ ސިފައިން ބޭރުކުރަން ބޭނުންވާނަމަ އެކަން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަން އެގޮތަށް އަމަލުން ދައްކާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކީއްވެގެންތޯއޭ މި ސަރުކާރަށް ވިތު ޖަސްޓް އަ ސްޓްރޯކް އޮފް ޕެން (ގަލަން ކުރި ޖައްސާލައިގެން) އެ ގަރާރު ބާތިލުކޮށް ނުލެވިގެން މިއުޅެނީ ކީއްވެގެންތޯ؟ ބާތިލުކުރީމާ ދެއްތޯ މާދަމާ ވެސް އަޅުގަނޑުމެން ގޭގައި އިންޑިއާ އައުޓު ބެނާ ހުންނާނީ. އަދި އަޅުގަނޑުމެން އިންޑިއާ އައުޓްގެ މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ. އެކަމަކު އަދިވެސް އެ ގަރާރު ބާތިލެއް ނުކުރޭ." ޔާމީން ސުވާލު ކުރައްވާފައި ވެއެވެ.



ނިމިދިޔަ ވެރިކަމުގެ ދުވަސްވަރު އޭރު ޕީޕީއެމް-ޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވި ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް "އިންޑިއާ އައުޓް" ނަމުގައި ކެމްޕޭނެއް ފައްޓަވާފައެވެ. އެހެން ނަމަވެސް، އެމްޑީޕީ ސަރުކާރުން ވަނީ އިންޑިއާ އައުޓް ކެމްޕޭން މަނާކޮށް ކެމްޕެއިންގައި ބޭނުންކުރި ބެނާތައް ބޭނުންކުރުން މަނާ ކުރުމަށް ގަރާރެއް ނެރެފައެވެ.

މިޖަލްސާގައި ރައީސް ޔާމިން ވަނީ މި ސަރުކާރުން ކުރާ ޚަރަދުތައް ފޫބައްދަން އެއާއި އެއްވަރަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރައްވާ ތަން ފެނިވަޑައިނުގަންނަވާ ކަންވެސް ވިދާޅުވެފައެވެ. ސަރުކާރުން އާމްދަނީ އިތުރުކުރުމުގެ ބަދަލުގައި މުޅިންވެސް ކުރަނީ ޚަރަދުކަން ފާހަގަކުރައްވާ ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން