އެމްއެމްޕީއާރްސީން ގެއްލުނު ފައިސާގެ ތެރެއިން އެންމެ ފައިސާފޮއްޗެއްވެސް ކުރީ އަދި މިހާރުގެ ސަރުކާރުން ވެސް ހޯދަން އުޅޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް ޔާމީން ޣަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އެކި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުގެ ތެރޭގައި ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ލިބިފައިނުވާ ކަން ފާހަގަކުރައްވާފައެވެ. އަދި އެމްއެމްޕީއާރްސީ މައްސަލައިގެ އެންމެ ބޮޑު މޭސްތިރިޔާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ކުރީ ސަރުކާރުން މިނިވަން ކޮށްފައިވާތީ އެކަމަށްވެސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

"ފެނޭތޯ އެ ސަރުކާރުންވެސް މި ސަރުކާރުންވެސް އެންެމެ ލާރި ފޮއްޗެއްވެސް ހޯދަން އުޅޭަތަން. އިބްރާހިމް މުހައްމަދު ޞާލިހްގެ 5 އަހަރު ތެރޭގައި ޒިރޯ ޓޮލަރެންސްގެ ކޮރަަޕްޝަނޭ ވިދާޅުވިއިރު އެންމެ ލާރި ފޮއްޗެއް އެ ގެއްލުުނު ލާރިން (ދައުލަތަށް) ވައްދާފަ ނެތް." ޔާމީން ވިދާޅުވިއެވެ.

މީރާއާއި، އޮޑިޓާރ ޖެނެރަލާއި، ޕީޖީއާއި، އެކި ލެވެލް ތަކުގެ ފަނޑިޔާރުގެތަކާއި އަދި މިނިސްޓްރީ އޮފް ފިނޭންސް ފަދަ އިދާރާތަކުންވެސް އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަން ޔާމީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުގެ ބޭފުޅުންވެސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މި މައްސަލައިގެ ވާހަކަތައް އަޑުހަރުކޮށް ދެއްކެވި ނަމަވެސް މިއަދު އެކަމުގެ ވާހަކަތައް ސަރުކާރުން ނުދައްކާ ކަންވެސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މިހާރުވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން