ރާއްޖެއަށް މިހާރު ދަތުރުކުރަމުންދާ ޗައިނާގެ އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ސާވޭއެއް ނުކުރާނެ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަނީ ޕޯޓް ކޯލް ދަތުރެއްގައި ކަމަށެވެ. ބޭރުގެ މީޑިއާތަކުން ފަތުރާ ޚަބަރުތަކަށް އިޝާރާތްކޮށް ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ރިސާރޗް އުޅަނދު ޝިއަންގް ޔަންގް ހޮންގް 3 މާލޭގައި ބަނދަރު ކުރުމާ ގުޅޭގޮތުން ޗައިނާ ސަރުކާރުން ދިވެހި ސަރުކާރުގެ ހުއްދައަށް މާ ކުރިންވެސް އެދިފައިވާ ކަމަށެވެ.



ރާއްޖެއަކީ އަބަދުވެސް ރާއްޖެއާއި ޚާރިޖީ ގުޅުން ބާއްވާ ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ މަންޒިލެއް ކަމަށާއި، ސުލްހަވެރި ބޭނުމަކަށް ބަނދަރަށް ދަތުރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް ވެސް މަރުހަބާ ކިޔަމުން އަންނަ ޤައުމެއް ކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މިފަދަ އުޅަނދުތައް ރާއްޖެ އައުމުގެ ސަބަބުން ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރުވެގެން ދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ހަމަ އެހެންމެ، އެކުވެރި ޤައުމުތަކުގެ އުޅަނދުތަކަށް ދިވެހި ރައްޔިތުން މަރުޙަބާ ކިޔުމަކީ ޤަރުނުތަކެއް ކުރިން ރާއްޖޭގައި އޮތް ސަޤާފަތެއް ކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

"މިފަދަ ކަންކަމުގައި ރާއްޖެއިން އަމަލުކުރަނީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް، އަދި މިފަދަ ހުރިހާ މައްސަލަތަކެއްގައި ކަމާބެހޭ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކަށް ރާއްޖެއިން އަމަލު ކުރާނެ." ފޮރިން މިނިސްޓްރީން ބަޔާންކޮށްފައި ވެއެވެ.

ޗައިނާގެ މި އުޅަނދު ރާއްޖެއަށް ދަތުރުކުރުމަށް މިސްރާބުކޮށްފައިވާތީ އިންޑިއާއިން ދަނީ އެ އުޅަނދު މޮނީޓާ ކުރަމުންނެވެ. މި އުޅަނދަކީ އަސްކަރީ މަނަވަރަކަށް ނުވިޔަސް އެއުޅަނދުން ހޯދާ މަޢުލޫމާތުތައް ޗައިނާގެ އަސްްކަރިއްޔާއިން ބޭނުންކޮށްފާނެކަމަށް އިންޑިއާއިން ބުނެފައިވެއެވެ. މީގެ ކުރީގައިވެސް ޗައިނާގެ މިފަދަ އުޅަނދުތައް ސްރީ ލަންކާގައި ބަނދަރުކޮށްފައި ވެއެވެ. އެހެން ނަމަވެސް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއާއި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހާއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ސަބަބުން ޗައިނާގެ މިފަދަ އުޅަނދުތައް ލަންކާގައި ބަނދަރު ނުކުރުމަށް ދެގައުމުން ވަނީ އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން